ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި

Screenshot 2026-06-18 at 14.53.14

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު 5،600 ވޭޕް ކާޓްރިޖު މޯލްޑިވްސް ކަސްޓަމްސް އިން އިއްޔެ އަތުލައިގެންފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ރާއްޖެއަށް ކަނޑުމަގުން ގެނައި ޝިޕްމަންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސްއިން ބުނީ ޖެނެރަލް ކާގޯގެ ގޮތުގައި ޑިކްލެއާކޮށްފައިވާ މި ޝިޕްމަންޓްގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖުތަކެއް ފޮރުވާފައި ހުރިކަން ކަސްޓަމްސްގެ އޮފިސަރުންނަށް ފާހަގަކުރެވިގެން އެ ޝިޕްމަންޓު ބަލައި ފާސްކުރިއިރު އޭގެ ތެރެއިންލަ 5،600 ވޭޕް ކާޓްރިޖު ފެނިފައިވާ ކަމަށެވެ.

އެ ހުރިހާ ކާޓްރިޖެއް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް އެއީ ކޮން ކުންފުންޏަކުން އެތެރެކުރި އެއްްޗެއްކަމެއް އަދި ސާފެއް ނޫނެވެ.

މިދިޔަ އާދިއްތަ އަދި ހޯމަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވެސް ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑާ ޕެކެޓުތަކެއްގައި ފޮރުވާފައި ހުރި 1،108 ވޭޕް ކާޓްރިޖާއި 27 ޑިވައިސް ވަނީ އަތުލައިގަނެފައިވެއެވެ.

މީގެ އިތުރުން މިއަހަރުގެ އެޕްރީލް މަހު ވެސް 1،940 ވޭޕް ކާޓްރިޖު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފައެވެ. އަދި ދުންފަތުގެ ބާވަތްތައް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ވެސް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ