ރާއްޖޭގެ ޖަލުތައް އެއްފުރާޅަކަށް ބަދަލުކުރުމުގެ މަސައްކަތް މި މަހު ފަށަނީ

Screenshot 2026-05-28 at 15.30.11

ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް ބިނާކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ ޖޫން މަހުގެ ތެރޭގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޖަލުތައް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ހިންގާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ އުތުރު ތިލަފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މިހާރު ހުރި ޖަލުތަކަކީ ޤައިދީން އިސްލާހުކޮށް މުޖުތަމައަށް އަލުން ނެރުމަށް އެންމެ އެދެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަންތަން ނޫނެވެ. އެހެންކަމުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމައަށް ހިންގޭނެ ނިޒާމެއްގެ ދަށުން އައު ކޮމްޕްލެކްސް ތަރައްގީކުރުމަކީ ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތެވެ.

މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސްގައި ޒަމާނީ ގިނަ ވަސީލަތްތަކެއް ހިމެނޭނެއެވެ. އޭގެ ތެރޭގައި ރެޒިޑެންޝަލް ޔުނިޓްތަކުގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއަކާއި، ހާފްވޭ ހައުސްއެއް، ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް އަދި މެޑިކަލް ފެސިލިޓީއެއް ހިމެނެއެވެ. މީގެ އިތުރުން 1000 މީހުންގެ ޖާގައިގެ މިސްކިތަކާއި، ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް ޚާއްސަ "ހޯޕް އައިލެންޑް" ވެސް މި ސަރަޙައްދުގައި ތަރައްގީކުރެވޭނެއެވެ. މަޝްރޫއު ފެށުން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން ކުޑަކޮށް ލަސްވި ނަމަވެސް، މިހާރު ހުރިހާ ކަމެއް ތަރުތީބުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޤައިދީން އައު އިމާރާތަށް ބަދަލުކުރަން ފެށޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ޖަލުތަކުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ގާނޫނަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކެއް ވެސް ދަނީ ތައްޔާރުކުރަމުންނެވެ. އެގޮތުން، ޖަލު ހުކުމް ތަންފީޒުކުރާ ފަރާތްތަކުން ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާ ކޮންމެ ދުވަހަކަށް، އެ މީހެއްގެ ހުކުމުން ދުވަހެއް އުނިވާ ގޮތަށް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި އިސްލާހު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްވެ އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާކޮށް، ޖަލުތަކަކީ ކުށްވެރިން އިސްލާހުކޮށް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދައިދޭ ނަމޫނާ މުއައްސަސާއަކަށް ބަދަލުކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ