ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ބީއެމްއެލްއިން ލުޔެއް ދެނީ

Screenshot 2026-06-18 at 22.24.14

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މި މަސް ނިމުމުގެ ކުރިން ކާޑުތަކުގެ ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް ލުޔެއް ދޭން ނިންމައިފިއެވެ.

މި ނިންމުމަކީ ފާއިތުވި މަސްތަކުގައި ބޭންކުން ވިއްކި ޑޮލަރުގެ ނިސްބަތް ރެކޯޑް މިންވަރަކަށް މަތިވެފައި ވަނިކޮށް، ކަސްޓަމަރުންނަށް ބޮޑު ލުޔެއް ގެނެސްދޭނެ ބަދަލެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ބީއެމްއެލް އިން ވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 69 މިލިއަން ޑޮލަރު ބާޒާރަށް ދޫކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާކިޔާއިރު 47 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކާޑު މުއާމަލާތްތަކަށް ހޭދަވި 198 މިލިއަން ޑޮލަރެވެ. އަދި ބާކީ 147 މިލިއަން ޑޮލަރު ވިޔަފާރިތަކަށް ދޫކޮށްފައިވެއެވެ.

ޑޮލަރުގެ ޑިމާންޑް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ބީއެމްއެލް އިން ދަނީ މިހާރުވެސް ރާއްޖޭގެ އެހެން ބޭންކުތަކަށްވުރެ ފުޅާދާއިރާއެއްގައި ހިދުމަތް ދެމުންނެވެ. އެގޮތުން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރު، އަދި އެއާލައިން، ހޮޓެލް ބުކިން އަދި ހޮސްޕިޓަލްތަކަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް މިހާރުވެސް ލިބެއެވެ. މީގެ އިތުރުން ބޭސްފަރުވާއާއި ތައުލީމީ ބޭނުންތަކަށް ހާއްސަ އެހީތެރިކަމެއް ބޭންކުން ފޯރުކޮށްދެއެވެ.

ބޭންކުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ކަސްޓަމަރުންގެ ބޭނުންތަކަށް ވީހާވެސް ގިނައިން ބޭރު ފައިސާ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، މިހާރު ހުރި ލިމިޓްތަކަށް ހެޔޮ ބަދަލެއް ގެނައުމުގެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. މި ބަދަލު މި މަސް ނިމުމުގެ ކުރިން އަމަލީ ގޮތުން ފެންނާނެ ކަމުގެ ޔަގީންކަން ބޭންކުން ދެ އެވެ. މި ހެޔޮ ބަދަލު ގެނައުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ބީއެމްއެލްއަށް ލިބިފައިވާކަން އެ ބޭންކުން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ