ވޯލްޑް ކަޕް: ދެކުނު އެފްރިކާ އާއި ޗެކިއާ ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެކިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ޗެކިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގައި ރޭ ކުޅުނު މެޗުގައި ދެކުނު އެފްރިކާ އާއި ޗެކިއާ ބައްދަލުކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ. އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ.

މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޗެކިއާއިން ވަނީ ލަނޑެއް ޖަހައި ކުރިހޯދާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މައިކަލް ސަޑިލެކެވެ. މި ލަނޑަށްފަހު ދެކުނު އެފްރިކާއިން މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން އޮސްވިން އެޕޮލިސް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޗެކިއާގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެކުނު އެފްރިކާގެ މިޑްފީލްޑަރު ތެބޯހޯ މޮކޮއެނާއަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. މިއީ މި މުބާރާތުގައި އޭނާއަށް ދެއްކި ދެވަނަ ރީނދޫ ކާޑަށް ވުމުން، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާއާ ދެކޮޅަށް އޭނާއަކަށް ނުކުޅެވޭނެއެވެ.

ދެވަނަ ހާފުގައި ޗެކިއާއިން ލީޑު ފުޅާކުރުމަށް ފޮނުވާލި ބައެއް ހަމަލާތައް ދެކުނު އެފްރިކާގެ ކީޕަރު ރޮންވެން ވިލިއަމްސް ވަނީ ހުއްޓުވާފައެވެ. ދެކުނު އެފްރިކާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. ޗެކިއާގެ ޕަވެލް ސުލްޗް އަތުގައި ބޯޅަ ޖެހުމުން ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މޮކޮއެނާއެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭގެ ތިންވަނައިގައި އޮތް ޗެކިއާ އާއި ހަތަރުވަނައިގައި އޮތް ދެކުނު އެފްރިކާއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މި ގްރޫޕުގެ އެއްވަނައިގައި މެކްސިކޯ އޮތްއިރު، ދެވަނައިގައި އޮތީ ދެކުނު ކޮރެއާއެވެ. މި ދެ ޓީމަށްވެސް ކުޅުނު ފުރަތަމަ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ