މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 2700 ސްކޭމްގެ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށާއި މި މައްސަލަތަކުގައި 33 މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ހެޑް އޮފް އެންޓި ސްކޭމް ސެންޓަރުގެ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ނިޔަލަށް ރާއްޖޭގައި ރިޕޯޓްކޮށްފައިވާ 2700 ސްކޭމް މައްސަލައިގައި ޖުމްލަ 33 މިލިޔަން ރުފިޔާ ގެއްލުން ވެފައިވާކަމަށެވެ.
"ސްކޭމްގެ މައްސަލަ ތަކުގެ ހާލަތައްބަލާއިރު ރާއްޖޭގަ ކަންބޮޑުވާ މިންވަރަކަށް ސްކޭމްގެ މައްސަލަތައް އިތުރުވެގެން ގޮއްސި، އަޅުގަނޑުމެން 2025 އިން 2026 އާއި ހަމަޔަށް ބަލާއިރު 2700 މައްސަލައެއް ރިޕޯޓްކޮށްފައެބަވޭ. މިދަންނަވާ މައްސަލަތަކުން ގެއްލުންވި ޖުމްލަ އަދަދު 33 މިލިޔަނަށް އަރާ" ނަވީދު ވިދާޅުވިއެވެ.
ނަވީދު ވިދާޅުވި ގޮތުގައި، މިފަދަ ޖަރީމާތަކުގެ 90 އިންސައްތައަކީ ސީދާ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ ސަރަހައްދީ ކުށްތަކެކެވެ. މީގެ ތެރެއިންވެސް 99 އިންސައްތަ މައްސަލަ ހިންގާފައިވަނީ މީސްމީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ކަމަށްވާއިރު، ހާއްސަކޮށް ފޭސްބުކް މާކެޓްޕްލޭސްއަކީ މިފަދަ 95 އިންސައްތަ މައްސަލަ ހިންގުމަށް ކުށްވެރިން ބޭނުންކުރާ މައިގަނޑު ހަބަށް ވަނީ ވެފައެވެ.
މި ނުރައްކާތެރި އޮއިވަރުގެ ތެރެއިން، ކުށްވެރިން މިހާރު ދަނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީ ބޭނުންކޮށްގެން، އޮޅުވާލުމުގެ އާ އުކުޅުތަކާއި "ޑީޕް ފޭކް" ކޮންޓެންޓްތައް އުފައްދަމުންނެވެ. ހަމައެހެންމެ، އާންމުންގެ ޝައުގުވެރިކަން ހުންނަ ސަރުކާރުގެ ހައުސިންގް ސްކީމްތަކާއި، ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކާ ދިމާކޮށް ޓްރެންޑްބޭސްޑް ސްކޭމްތައް ހިންގުން ވަނީ އިތުރުވެފައެވެ.
އެގޮތުން ވޯލްޑްކަޕާ ދިމާކޮށް މީސްމީޑިއާގައި ހަރަކާތްތެރިވި ބައެއް ސްކޭމް އެކައުންޓްތައް ފުލުހުންގެ ސަމާލުކަމަށް އައިސް، މިހާރު ވަނީ ބަންދުކޮށް ތަހުގީގު ފަށާފައެވެ.