އިނާޔަތްތަކާއެކު އެޗްޑީސީން ވެސް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައިފި

Screenshot 2026-06-19 at 13.04.52

އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

މި ނިންމުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އާ ބަދަލުތަކަކަށް އަމާޒުކޮށްގެން ބޯޑުން ގެނައި މުހިންމު އިސްލާހުތަކެއްގެ ފެށުމެކެވެ. އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން އިއްޔެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، ކުންފުނީގެ ރިޓަޔާމަންޓް ޕޮލިސީއާއި ރިޑަންޑަންޓްވާ ހާލަތްތަކުގެ އުސޫލަށް ބޯޑުން މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މި އިސްލާހުތަކުގެ މައިގަނޑު ބޭނުމަކީ ކުންފުނީގެ އާ އޮނިގަނޑަށް މަގުފަހިކުރުމެވެ.

މި އާ އުސޫލުގެ ދަށުން މުވައްޒަފުންނަށް ވަޒީފާއިން ވަކިވުމުގައި މާލީ ގޮތުން ފައިދާހުރި ދެ އިޚްތިޔާރެއް ފަހިވެގެންދާނެއެވެ. އޭގެތެރެއިން ފުރަތަމަ ގޮތަކީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމެވެ. މި އިޚްތިޔާރުގެ ދަށުން ވަކިވާން އެދޭ މުވައްޒަފުންގެ ތެރެއިން ހޮވޭ ފަރާތްތަކަށް، ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހާއްސަ "ސެވަރެންސް ޕެކޭޖް" އެއްގެ ދަށުން ފުރިހަމަ މާލީ އިނާޔަތްތަކެއް ކަށަވަރުވެގެންދާނެއެވެ.

ދެވަނަ އިޚްތިޔާރަކީ އަމިއްލައަށް އެދިގެން ރިޓަޔާވުމެވެ. މި ފުރުސަތަކީ ކުންފުންޏަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ޝަރުތުހަމަވާ މުވައްޒަފުންނަށް ހުޅުވާލެވޭ މަގެކެވެ. މިއާއެކު، އެ މުވައްޒަފަކު އަދާކުރި މަގާމަށާއި ހިދުމަތުގެ މުއްދަތަށް ބަލައި، އެއްފަހަރާ ބޮޑު މާލީ އިނާޔަތެއް ލިބިގެންދާނެއެވެ.

މިފަހުން ފެނަކައިން ވެސް ވަނީ ބޭކާރު މަގާމުތައް މަދުކުރުމުގެ ގޮތުން މުސާރައާއި އިނާޔަތް ދޭ ގޮތަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ދީފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ