އަމާޒަކީ، މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފަހައްޓައި، ބޮޑުކަންނެލި ގަންނަން ފެށުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "ދަ ޕަލްސް" ޕްރޮގްރާމްގައި. ފޮޓޯ: ރައީސް އޮފީސް

މިފްކޯއަށް މަސް ގަންނަ އަގު ކިލޯއަކަށް 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ޝާއިޢުކުރެވުނު "ދަ ޕަލްސް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި އެޕިސޯޑުގައި، "މިހާރު" ނޫހުން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ، އެމަނިކުފާނުގެ ސަރުކާރުން ވެރިކަމާ ހަވާލުވިއިރު މަސްވެރިކަމުގެ ސިނާއަތް އޮތް ނާޒުކު ހާލަތުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމަށެވެ. މަސް ގަންނަ އަގު 20 ރުފިޔާގައި ހިފެހެއްޓުމުގެ އިތުރުން، ކުރިމަގުގައި އެއަށްވުރެ މަތީ އަގެއް މަސްވެރިންނަށް ހޯދައިދިނުމަކީވެސް ސަރުކާރުގެ އުންމީދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެ މަސްވެރިންނަށް އެންމެ އެކަށީގެންވާ އަގެއް ހޯދައިދެވޭނީ މިފްކޯއިން އަލުން ބޮޑުކަންނެލި ގަންނަން ފެށުމުން ކަމަށެވެ. މިކަން ހާސިލުކުރުމަށްޓަކައި މަސްވެރިންގެ ބައިވެރިވުމާއެކު މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ބޭރުގެ ބާޒާރުތަކުގައި ދިވެހި މަހަށް ރަނގަޅު އަގު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން، އިނގިރޭސިވިލާތުން މަހުގެ ޓެރިފް ކަނޑާލާފައި އޮތް އޮތުން ދާއިމީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މާލޭގައި ޒަމާނީ ފެންވަރުގެ މަސް މާރުކޭޓެއް ތަރައްޤީކުރުމަށް ހުރި ހުރަސްތައް ނައްތާލައި، އެ މަޝްރޫޢު ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ސައިޒު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކު ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް މީހުން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ކުންފުނިތައް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ސައިޒަށް ކުޑަކުރުމުން އޭގެ ހެޔޮ އަސަރު މަސްވެރިކަމަށާއި މުޅި އިޤްތިޞާދަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، މަސްވެރިކަމުގެ ސިނާއަތް އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތްތަކާ މެދު ޖުމްލަ ގޮތެއްގައި ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވަމުންނެވެ. އަދި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމަކީ އެއްވެސް ފަރާތަކަށް ފައިދާވާނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ