ރާއްޖޭގެ އިގުތިސާދީ އިސްލާހުތަކަށް ވޯލްޑް ބޭންކުގެ ތައުރީފު

WorldBank

ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ތަންފީޒުކުރަމުންދާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، އިގުތިސާދީ ދާއިރާއިން ބޮޑެތި ކާމިޔާބީތަކެއް ހާސިލުވަމުންދާކަން ވޯލްޑް ބޭންކުން ހާމަކޮށްފިއެވެ.

މި ހިނގާ ޖޫން މަހުގެ 11 ވަނަ ދުވަހު ޝާއިއުކުރި "މޯލްޑިވްސް ޑިވެލޮޕްމެންޓް އަޕްޑޭޓް- 2026" ރިޕޯޓުގައިވާ ގޮތުން، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް އެޅި ފިޔަވަޅުތަކުގެ ނަތީޖާ އަންނަނީ ވަރަށް ސާފުކޮށް ފެންނަމުންނެވެ.

ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު 10.8 ބިލިއަން ރުފިޔާގައި ހުރި ބަޖެޓު ޑެފިސިޓު، 2025 ވަނަ އަހަރު ނިމުނުއިރު ވަނީ 5.1 ބިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 9.9 އިންސައްތައިން 4.3 އިންސައްތައަށް އައި ބޮޑު ދަށްވުމެކެވެ. ހަމައެއާއެކު، ދައުލަތުގެ އާމްދަނީ ގައުމީ އުފެއްދުންތެރިކަމުގެ 33 އިންސައްތައަށް އިތުރުވެފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ވަނީ 8.3 އިންސައްތަ ދަށްކުރެވިފައެވެ.

ދަރަނި އަދާކުރުމުގެ ދާއިރާއިންވެސް ސަރުކާރުން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުކޫކު ޕޭމެންޓުތަކާއި، އެސްބީއައިއަށް ދައްކަންޖެހޭ ފައިސާގެ އިތުރުން ކަރަންސީ ސްވޮޕްތައް ވަނީ ކަނޑައެޅިފައިވާ މުއްދަތަށް އަދާކޮށްފައެވެ. ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެ ބަނގުރޫޓުވުމުގެ ހިރާސް މިހާރު ވަނީ ނެތިގޮސްފައެވެ. އަދި ކުރިއަށް އޮތް 2027 އަދި 2028 ވަނަ އަހަރު ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހަރަދުތައް ގާތްގަނޑަކަށް 450 މިލިއަން ޑޮލަރަށްވުރެ ބޮޑު މިންވަރަކުން ދަށްވާނެ ކަމަށްވެސް އެ ބޭންކުން ލަފާކުރެއެވެ.

ބޭރު ފައިސާގެ ރިޒާވްގެ ހާލަތަށް ބަލާއިރު، 2026 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ރަސްމީ ރިޒާވް 1.3 ބިލިއަން ޑޮލަރަށް އުފުލުނެވެ. އޭޕްރީލް މަހު ބޮޑެތި ދަރަނިތަކެއް ދެއްކުމަށްފަހުވެސް، މޭ މަހުގެ ނިޔަލަށް ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ރިޒާވް ރަނގަޅުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭރު ފައިސާ މާރުކުރުން ލާޒިމުކުރުމާއި، ޑޮލަރުން ޓެކްސް ނަގަން ފެށުމުގެ އިތުރުން އިންޑިއާގެ ރިޒާވް ބޭންކާއެކު ހެދި ކަރަންސީ ސްވޮޕް ހިމެނެއެވެ.

ވޯލްޑް ބޭންކުގެ އިތުރުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިންވެސް ވަނީ ރާއްޖެއިން ދަރަނި އަދާކޮށް މާލީ ދަތިތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކޮށްފައެވެ. މި ހުރިހާ ކަމަކީވެސް ރާއްޖޭގެ އިގުތިސާދީ ކުރިމަގު ހަރުދަނާކޮށް، މާލީ މިނިވަންކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ގަބޫލުކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ