ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް މިއަދު އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސައިފިއެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިނާސްގެ މި ފްލައިޓާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހާމަކުރި ގޮތުގައި، މި ފެށުނު ދަތުރުތަކުގެ ދަށުން ސައުދީގެ ވެރިރަށް ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު 3 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވަނީ ހާއްސަ ވޯޓާ ސަލިއުޓަކާއެކުގައެވެ. މީގެ އިތުރުން، ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ހާއްސަ މުނާސަބަތާ ގުޅިގެން ރާއްޖެއަށް އައި ފަސިންޖަރުންނަށާއި، ރާއްޖެއިން ފުރި ފަސިންޖަރުންނަށް ހަނދާނީ ހަދިޔާވެސް ބަހާފައިވެއެވެ.
ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް އެމްއޭސީއެލުން ދެކެއެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރާ ގައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް ބެލެވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް އެމްއޭސީއެލުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުން ކަމަށް އެމްއޭސީއެލުން ހާމަކުރެއެވެ.