މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އެއް މިލިއަނަށް އަރައިފި އެވެ. މި އަހަރުގެ އެއް މިލިއަން ވަނަ ޓޫރިސްޓުގެ ގޮތުގައި ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.
މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އައި އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ އޭނާގެ ފިރިމީހާ އާއެކު ރާއްޖެ އައީ ޗުއްޓީ ހޭދަކުރުމަށްޓަކައި ވ. ފުލިދޫގައި ހުންނަ ދަ ޕާލް ސީވިއު ގެސްޓް ހައުސްއަށެވެ. މިއީ އެ ދެމަފިރިން ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުކަން ފާހަގަކުރެވެ އެވެ. އެމީހުން ރާއްޖެ އައިސްފައިވަނީ ގަތަރު އެއާވޭސްގެ ފްލައިޓަކުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގޮންޖެހުންތަކާ އެކު ވެސް، ޖޫން މަހުގެ ތެރޭގައި އެއް މިލިއަން ޓޫރިސްޓުން ހަމަކުރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު 2.5 މިލިއަން ފަތުރުވެރިން ގެނައުމެވެ. އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެންމެން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތެލުގެ އަގު އުފުލުމާ ގުޅިގެން ޓިކެޓްތަކުގެ އަގުބޮޑުވުމެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް ފަސް ޕަސެންޓް ދަށެވެ. އަދި މި ޖޫން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 17 ޕަސެންޓް ދަށްވެފައިވާކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.