ބޮޑުކަންނެލީގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަލުން ވަދެ، މަސްވެރިންނަށް އެކަށީގެންވާ ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ބޮޑުކަންނެލި ގަތުމުގެ މަސައްކަތުން މިފްކޯ އޮތީ މުޅިން ދުރަށް ޖެހިފައެވެ. ކުރީގެ ސަރުކާރުތަކުގައި މިފްކޯއިން ހިންގަމުން އައި ކަނޑުއޮށްގިރީގެ އޮޕަރޭޝަން ހުއްޓާލުމާ ގުޅިގެން، ބޮޑުކަންނެލީގެ ވިޔަފާރި ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ މިފްކޯއަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން، ބޮޑުކަންނެލި މަސްވެރިކަމުގެ ވިޔަފާރީގެ ތެރެއަށް މިފްކޯ އަލުން ގެނެސް، އެ ކުންފުނީގެ ދައުރު ފުޅާކުރުމެވެ.
މަސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި މިފްކޯގެ ބައިވެރިވުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. ބޮޑުކަންނެލި މަސްވެރިންނަށް ވާދަވެރި ބާޒާރެއް ލިބޭނީ މިފްކޯއިން އެ ވިޔަފާރީގައި ހަރަކާތްތެރިވެގެން ކަމަށާއި، މި ބަދަލާއެކު މަސްވެރިންނަށް މިހާރަށްވުރެ ރަނގަޅު އަގެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުތަކާއި، އެ ފަރާތްތަކުން ސަރުކާރަށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ސަރުކާރުން މިހާރު ވަނީ ފެލިވަރު ކޭނިން ފެކްޓްރީ އާއި މިފްކޯގެ އެހެން ސެންޓަރުތަކުން ވެސް ބޮޑުކަންނެލި ގަންނަން ފަށާފައެވެ.
މި މަސައްކަތަކީ މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު ކުރިއަށް ގެންދާނެ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ބޮޑުކަންނެލީގެ ވިޔަފާރީގައި މިފްކޯގެ ހިއްސާ އިތުރުކުރުމަށްޓަކައި މިހާރު ވެސް އެކި ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދާއިރާއަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ވިޔަފާރީގެ މި އާ އޮއިވަރާއެކު މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ދާއިރާ ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.