ކޮންމެ ކުއްޖަކީވެސް އާއިލީ ވެއްޓެއްގެ ހިމާޔަތާއެކު ބޮޑުވާ ކުއްޖެއްކަން ޔަގީންކުރުމަކީ ސަރުކާރުގެ އަމާޒެއް: ވަޒީރު

Screenshot 2026-06-20 at 18.50.05

ކުޑަކުދިންނާއި އަންހެނުންނަށް ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭ ދިރާސާއެއްގެ މައްޗަށް ބިނާކޮށް "ގައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ސިއްހަތާއި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވީ، މިއަދު ފެށިގެން މިދިޔަ މަސައްކަތަކީ އާއިލީ ގުޅުންތައް ބަދަހިކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ދިވެހި ސަރުކާރުން ގެންގުޅުއްވާ ހާއްސަ ތަސައްވުރު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒެކެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި ބަދަހި މުޖުތަމައެއްގެ ބިންގަލަކީ ބަދަހި އާއިލާތަކެވެ. ކޮންމެ ކުއްޖަކީ ވެސް ލޯތްބާއި، ރައްކާތެރިކަމާއި، އެހީތެރިކަން ލިބޭނެ މާހައުލެއްގައި ބޮޑުވުމުގެ ހައްގު ލިބިގެންވާ ކުއްޖެއްކަން ގަބޫލުކޮށް، އެފަދަ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ.

މި ތަމްރީނު ޕްރޮގްރާމަކީ އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން ހުރި މީޑިއޭޓަރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މިއީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ހިންގާ ޕްރޮގްރާމެކެވެ. މި މަސައްކަތުގެ ތެރެއިން އާއިލާތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތައް ހައްލުކުރުމަށް ތަޖުރިބާކާރުންގެ އެހީތެރިކަން ލިބިގެންދާނެއެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ޕްރޮގްރާމްގެ ބިންގަލަކީ ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާ ގުޅޭގޮތުން ހެދިފައިވާ ދިރާސާ ރިޕޯޓެވެ. މި ދިރާސާގެ ހޯދުންތަކުގެ ސަބަބުން އާއިލާތަކަށް އެހީތެރިވާނެ ނިޒާމުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މައްސަލަތައް ބޮޑުވެ، ކާރިސާއަކަށް ބަދަލުވުމުގެ ކުރިން އެކަންކަން ދެނެގަނެ، ހައްލުކުރުމަށް ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު މި ދިރާސާގެ ސަބަބުން ފަހިވެގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ