ކ. ގިރިފުށި ޓްރޭނިން ސެންޓަރުގެ ބިން ހިއްކުމާއި، ބިން ހިމާޔަތްކުރުން އަދި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢު ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މި ބިޔަ މަޝްރޫއަކީ ދިވެހި އަސްކަރިއްޔާގެ ތަމްރީނުތަކުގެ ފެންވަރު މަތިކޮށް، ޒަމާނީ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި ފެށިގެންދާ އެންމެ މުހިންމު އެއް އުމްރާނީ ބަދަލެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމަށް ގިރިފުށި ޓްރޭނިން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، ޙަސަން ރަޝީދެވެ.
މި މަޝްރޫއުގެ ސަބަބުން ގިރިފުށީގެ މައިގަނޑު ޗާޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:
- ބިން ބޮޑުވުން: މިހާރު އޮތް 5.7 ހެކްޓަރުގެ ބިމަށް 13.3 ހެކްޓަރު އިތުރުވެ، ތަމްރީނުތަކަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ފުޅާވެގެންދާނެއެވެ.
- ގޮނޑުދޮށް ހިމާޔަތްކުރުން: ރަށް ގިރުން ހުއްޓުވުމަށްޓަކައި ބޮޑުގަލުގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށްޓާއި ގްރޮއިންސް ގާއިމުކުރެވޭނެއެވެ.
- ލަފާފުރުމުގެ ދަތުރުފަތުރު: އުޅަނދުފަހަރު ކައިރިކުރަން އެލް-ބްލޮކް ކީ-ވޯލް ހަދައި، 40 މީޓަރު އަދި 12 މީޓަރުގެ ދެ ޖެޓީ ތަރައްގީކުރާނެއެވެ.
- ފަޔަރިން ރޭންޖު: މިހާރު ބޭނުންކުރާ 100 މީޓަރުގެ ރޭންޖުގެ ބަދަލުގައި، ޒަމާނީ 300 މީޓަރުގެ ސްމޯލް އާމްސް ރޭންޖެއް ހެދޭނެއެވެ.
ބިން ހިއްކުމާއި ބަނދަރުގެ މަސައްކަތް ނިމުމުން، ދެން އޮތް މަރުހަލާގައި ގިރިފުށި ބަދަލުވެގެންދާނީ ހުރިހާ ވަސީލަތްތަކެއް ހަމައަށް ހުންނާނެ އެންމެ ޒަމާނީ ޓްރޭނިން ސެންޓަރަކަށެވެ. މި ތަނަކީ ހަމައެކަނި ސިފައިންގެ ތަމްރީނުތަކަށް ހާއްސަ ތަނެއްގެ އިތުރުން، ޒުވާނުން ހަރުދަނާ ބަޔަކަށް ބައްޓަންކުރުމަށް ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތުގެ" މައި މަރުކަޒަށް ވެސް ވެގެންދާނެއެވެ.