އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ، އީރާނުން ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފި

Screenshot 2026-06-20 at 19.57.54

އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލަން ހެދި އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް ބުނެ، އީރާނުން އަނެއްކާވެސް ހުރުމުޒު ކަނޑުއޮޅި ބަންދުކޮށްފިއެވެ.

މި ނިންމުމާއެކު ބައިނަލްއަގުވާމީ ހަކަތައިގެ ބާޒާރަށް ބޮޑު ސިހުމެއް ލިބި، ދުނިޔޭގެ އިގްތިސާދު އަނެއްކާވެސް ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަބަބަކީ ހުރުމުޒު ކަނޑުއޮޅިއަކީ ދުނިޔޭގެ އިގްތިސާދީ މައިނާރަށް ވުމެވެ.

ހުރުމުޒު ކަނޑުއޮޅި ދިގު މުއްދަތަކަށް ބަންދުވެފައި އޮވެއްޖެނަމަ، ދުނިޔޭގެ ތެލާއި ގޭސް ލިބުން ދަތިވެ، އަގުތައް އިންތިހާއަށް އުފުލިގެންދާނެއެވެ. ދުނިޔޭގެ ބާޒާރަށް ނެރޭ ޕެޓްރޯލިއަމްގެ 20 ޕަސެންޓް ކޮންމެ ދުވަހަކު ވެސް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށެވެ. އަދިި ބައިނަލްއަގުވާމީ ބާޒާރަށް ސަޕްލައިކުރާ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ބޮޑު ބައެއް އުފުލަނީ ވެސް ހަމަ މި މަގުންނެވެ.

އެމެރިކާއިން ފެބްރުވަރީ 28 ގައި އީރާނަށް ދިން ކުއްލި ހަމަލާތަކާއެކު ފެށި ހަނގުރާމައިގައި އީރާނުން މި ކަނޑުއޮޅި ބަންދުކުރުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މީގެ ކުރިން ވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.

މި ސަރަހައްދު ބަންދު މިކުރީ، 60 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަމަލުކުރަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެ އެއްބަސްވުމުގެ މައިގަނޑު ޝަރުތަކީ އިސްރާއީލުން ލުބުނާނަށް ހަމަލާދިނުން ހުއްޓާލުމާއި، އީރާނުން ހުރުމުޒު ހުޅުވުމެވެ.

ނަމަވެސް، އެއްބަސްވުމާ ޚިލާފަށް އިސްރާއީލުން ލުބުނާނަށް ދިން ވައިގެ ހަމަލާތަކެއްގައި 16 މީހުން މަރުވެ، 12 މީހުން އަނިޔާވުމާ ގުޅިގެން، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައިއާރުޖީސީ) އިން ވަނީ މިއީ އެއްބަސްވުން އުވާލުން ކަމަށް ކަނޑައަޅާފައެވެ. އަދި އެމެރިކާއިން އިސްރާއީލުގެ ހަމަލާތައް ހުއްޓުވާފައި ނުވާތީ، ދެ ގައުމުން ވެސް ވައުދާ ޚިލާފުވީ ކަމަށް އީރާނުން ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން އީރާނުން ވަނީ ކަނޑުއޮޅިއާ އެއްވެސް ބަޔަކު ގާތްނުވުމަށް ހަރުކަށި އިންޒާރެއް ދީފައެވެ. މި ނުތަނަވަސްކަން ކުރިމަތިވީ، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށްޓަކައި އެމެރިކާއާއި އީރާނުން ސްވިޒަލެންޑުގައި ބައްދަލުވުމަކަށް ތައްޔާރުވަމުން ދަނިކޮށެވެ.

މި ހާދިސާއާއެކު އީރާނުން މަޝްވަރާތައް ބޮއިކޮޓް ކޮށްފާނެ ކަމުގެ ބިރު އުފެދުނު ނަމަވެސް، ބައެއް ބައިނަލްއަގުވާމީ ރިޕޯޓުތައް ބުނާގޮތުން އީރާނުގެ ޑެލިގޭޝަނުން އަދިވެސް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ