ދިވެހި ސާފް ލީގު: ފުވައްމުލަކުގައި ބޭއްވި 'އެލޭއިސް' މުބާރާތުގެ ޗެމްޕިއަންކަން ޔަސީން ހޯދައިފި

ދިވެހި ސާފް ލީގު 2026 ގެ ފުރަތަމަ މުބާރާތް 'އެލޭއިސް' ގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިވެހި ސާފް ލީގު 2026 ގެ ފުރަތަމަ މުބާރާތް 'އެލޭއިސް' ގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ

މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ސީސްޕޯޓްސް ދިވެހި ސާފް ލީގު 2026" ގެ ފުރަތަމަ މުބާރާތް ކަމަށްވާ "އެލޭއިސް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ފުވައްމުލަކުގެ މަޝްހޫރު އެލޭއިސް ސާފް ބްރޭކުގައި މި މަހުގެ 17 އިން 20 އަށް ކުރިއަށްދިޔަ މި މުބާރާތުގެ ޝޯޓްބޯޑް ފިރިހެނުންގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ ޒުވާން ރާޅާއެޅުންތެރިޔާ ޔަސީން އަޙްމަދު ނާޝިދެވެ.

މުބާރާތުގެ ފައިނަލް ހީޓުގައި ޔަސީން ޗެމްޕިއަންކަން ކަށަވަރުކުރީ މުޙައްމަދު އިނާނާ ވާދަކޮށް 9.07 ގެ ސްކޯއަކުންނެވެ. އިނާނަށް މި ހީޓުގައި ލިބުނީ 8.93 އެވެ. މީގެ އިތުރުން، 18 އަހަރުން ދަށުގެ ޝޯޓްބޯޑް ބައިގެ ޗެމްޕިއަންކަން ހޯދީ ނޫހު މުޙައްމަދު ދުނައިމް އިރުޝާދެވެ. އޭނާ މި ބައިގެ އެއްވަނަ ހޯދީ ފައިނަލްގައި އިނާން ބަލިކުރުމަށްފަހުއެވެ. ނޫހު 14.33 ސްކޯކުރިއިރު، އިނާނަށް ލިބުނީ 12.17 އެވެ.

މި މުބާރާތުގައި ލީގު ރޭންކިންގައި ނުހިމެނޭ އިތުރު ތިން އިވެންޓެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އަންހެނުންގެ ޝޯޓްބޯޑް އޯޕަން ބައިގެ އެއްވަނަ ނަހާ ނަސްރުﷲ ހޯދިއިރު، ބޮޑީބޯޑް އޯޕަން ބަޔާއި 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަޙްމަދު ޖިވާއު ޖިހާދެވެ.

ފުވައްމުލަކުގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މިއަހަރުގެ ދިވެހި ސާފް ލީގުގައި ދެން ކުރިއަށް ހުރީ މ. މުލީގައި ބާއްވާ "މުލީކޮޅު ރާޅުގަނޑު" އާއި، އޮގަސްޓް މަހު ލ. މާބައިދޫގައި ބާއްވާ "ކެރަންޑޫ" އަދި ނޮވެމްބަރު މަހު މާލޭގައި ބާއްވާ "ރަންނަމާރި ޗެލެންޖް" އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ