ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ނޫނު އަތޮޅު މަނަދޫގައި ގާއިމުކުރާ ކެމްޕަހުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މަނަދޫގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް ހުސްނީ މުބާރަކް ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހުސްނީ މުބާރަކް ވިދާޅުވީ، މިއީ މަނަދޫގެ އުމްރާނީ އަދި ތައުލީމީ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ވަރަށް މުހިންމު ނިންމެވުމެއް ކަމަށެވެ. އަދި މި ކެމްޕަހުގެ ސަބަބުން ރަށުގައި ތިބެގެން ޕީއެޗްޑީއާ ހަމައަށް ތައުލީމު އުނގެނުމުގެ ރަނުގެ ފުރުސަތު ދަރިވަރުންނަށް ފަހިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވިދާޅުވީ، މިއީ ހަމައެކަނި ކޮންކްރީޓް އިމާރާތްތަކެއް ނޫން ކަމަށާއި، މިއީ މަނަދޫގެ އިތުރުން ކައިރި ރަށްތަކުގެ ރައްޔިތުންގެ ދިރިއުޅުން ހެޔޮ މިސްރާބަކަށް ގެންދިއުމަށް ލިބޭނެ އަގުހުރި ފުރުސަތެއް ކަމަށެވެ. ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޓްރަސްޓްއެންޖް ކުންފުންޏާއެވެ. މި މަޝްރޫއަށް މަނަދޫ ކައުންސިލުން ވަނީ 19,000 އަކަފޫޓުގެ ބިމެއް ހަމަޖައްސައިދީފައެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އަމާޒު ހިފާފައިވާ މި މަޝްރޫއުގެ ދަށުން ކެމްޕަސް އިމާރާތަކާއި އެކޮމޮޑޭޝަން އިމާރާތެއް ބިނާކުރާނެއެވެ. ކެމްޕަސް އިމާރާތުގައި ހަތަރު ކްލާސްރޫމާއި، ސެމިނާ ރޫމަކާއި، އިދާރީ އޮފީހަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިންގ ރޫމެއް ހިމެނެއެވެ. އަދި އެކޮމޮޑޭޝަން އިމާރާތުގައި 20 ދަރިވަރުންގެ ދަނާލަކާއި، މުވައްޒަފުންނަށް ހާއްސަ ދެ އެޕާޓްމަންޓާއި، ޖިމަކާއި، އިންޑޯ ކުޅިވަރު ކުޅޭނެ ސަރަހައްދެއްގެ އިތުރުން ކެންޓީނެއް ހިމެނެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ ކޮންކްރީޓް އަޅުއްވައިދެއްވީ ހުސްނީ މުބާރަކާއި، އައިޔޫއެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރާއި، މަނަދޫ ކައުންސިލްގެ ރައީސް ޢަލީ ޒާފިރުގެ އިތުރުން އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދެވެ.