ޖަރުމަނުވިލާތުގެ ބާލިންގައި ބޭއްވި "ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026" ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު މާލެ ވަޑައިގެންފިއެވެ.
މި ފޯރަމުގައި ނައިބު ރައީސް ބައިވެރިވެވަޑައިގަތީ ޚާއްޞަ ކީނޯޓް ސްޕީކަރެއްގެ ހައިސިއްޔަތުންނެވެ. މި ދަތުރުފުޅަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ އަޑު އިއްވުމަށް ލިބުނު މުހިންމު ފުރުޞަތެކެވެ.
މި ފޯރަމްގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ސެޝަންތަކުގައި ނައިބު ރައީސް ވަނީ ތަޤުރީރު ކުރައްވާފައެވެ. އެގޮތުން، ލީޑަރުންގެ މަތީ ފަންތީގެ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަންޖެހޭ މީހުންނަށް ކުރިމަތިވާ މައްސަލަތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މިފަދަ ނާޒުކު ޙާލަތްތަކުގައި ހުރި ޤައުމުތަކަށް އެހީތެރިވުމަށް ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށާއި، ކްލައިމެޓް ފައިނޭންސް ނުވަތަ މޫސުމީ މާލީ އެހީތެރިކަން ފޯރުކޮށްދޭ މިންވަރު އިތުރުކުރުމަށް އެމަނިކުފާނު ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވާލެއްވިއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭ ގޮތުން ކުރިއަށް ގެންދެވި މަތީ ފަންތީގެ ޕެނަލް މަޝްވަރާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، އެޑަޕްޓޭޝަން ނުވަތަ މޫސުމަށް އަހުލުވެރިވުން އިތުރުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރަންޖެހޭ ކަމަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ބޭއްވުނު "ޗެމްޕިއަންސް ބްރެކްފާސްޓް" ބައްދަލުވުމުގައި، ފޯރަމުން ނުކުތް މުހިންމު ނަތީޖާތަކާ މެދު ވިސްނުން ހިންގަވައި، ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރެއްވުމަށް ނައިބު ރައީސް މަސައްކަތްޕުޅު ކުރެއްވިއެވެ. އަދި "ގްލޯބަލް ކޮންސެންޝަސް އޮން ކްލައިމެޓް މޮބިލިޓީ" ޙާޞިލުކުރުމަށް ވެފައިވާ ވައުދުތައް ކުރިއެރުވުމަށް އެމަނިކުފާނު ހިތްވަރުދެއްވިއެވެ.
މި ފޯރަމަކީ ކްލައިމެޓް މޮބިލިޓީގެ އުޞޫލުތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ވިސްނުންތަކާއި ތަޞައްވުރު ބައިނަލްއަޤްވާމީ މުޖުތަމަޢާ ހިއްސާކޮށް، ނާޒުކު ޤައުމުތަކަށް މޫސުމީ މާލީ އެހީތެރިކަމާއި އެޑަޕްޓޭޝަންގެ ފިޔަވަޅުތައް އިތުރުކުރުމުގެ މުހިންމުކަން ހާމަކޮށްދިނުމަށް ލިބުނު ވަރަށް ބޭނުންތެރި ފުރުޞަތެކެވެ.