ސިނގިރޭޓުން ނަގާ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަނީ

Screenshot 2026-06-22 at 00.05.03

ދުންފަތުގެ ބާވަތްތަކުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް އިމްޕޯޓް އެކްސްޕޯޓްގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހުތަކެއް ހުށަހަޅައިފިއެވެ. މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.

ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ މި އިސްލާހުގެ ދަށުން، މިހާރު ސިނގިރޭޓަކުން ނަގަމުން އަންނަ 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލުތަކަކީ ޤާނޫނުގެ 7 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުތަކެކެވެ. މީގެ އިތުރުން، ބިޑިއާއި ހީޓަޑް ޓޮބޭކޯ އުފެއްދުންތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ވެސް 4 ރުފިޔާއަށް ކުޑަކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި ބިލުގައި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް އެހީތެރިވެދޭ ވަސީލަތްތަކަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އެގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗާއި، އެފަދަ އެހެނިހެން ބާވަތްތަކުން މިހާރު ނަގަމުން އަންނަ ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ކަނޑައެޅުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.

މި އިސްލާހުތައް ތަންފީޒުކުރުމާއެކު ދައުލަތުގެ ބަޖެޓަށް ލިބޭ އާމްދަނީއަށް ބަދަލުތަކެއް އަންނާނެ ކަމަށް ބިލުގައި ފާހަގަކޮށްފައިވެއެވެ. ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހުތަކަށް އަމަލުކުރަން ފަށައިފިނަމަ، މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުން ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 21 މިލިޔަން ރުފިޔާ މަދުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު ޤާނޫނަށް އަމަލުކުރަން ފަށާނެއެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެއާ ގުޅުންހުރި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް އާންމުކުރަންޖެހޭނެ ކަމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ