ހުޅުމާލޭގައި ތަރައްގީކުރާ 1000 ހައުސިން ޔުނިޓުގެ މަސައްކަތް، މުޅިން ދިވެހި ކުންފުނިތަކާ ހަވާލުކޮށް މި ހަފުތާގެ ތެރޭގައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 100 ޕަސަންޓު ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްގެންނެވެ. ހައުސިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ފަސް ކުންފުންޏެއްގެ މެދުގައި ބަހާލައި، ކޮންމެ ކުންފުންޏަކުން 200 ހައުސިން ޔުނިޓު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. ކޮންމެ ކުންފުންޏަކާ ހަވާލުކުރާ 200 ޔުނިޓުގެ ތެރޭގައި ހިމެނެނީ 60 ޔުނިޓު (ދެ ކޮޓަރީގެ އެޕާޓްމަންޓު) އަދި 140 ޔުނިޓު (ތިން ކޮޓަރީގެ އެޕާޓްމަންޓު) އެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޔުނިޓުތަކަކީ މީގެ ކުރިން ރާއްޖޭގައި ސޯޝަލް ހައުސިންގެ ގޮތުގައި ތަރައްގީކޮށްފައިވާ ޔުނިޓުތަކާ އަޅާބަލާއިރު ޖާގަ ތަނަވަސް އަދި ފެންވަރު ރަނގަޅު ތަންތަން ކަމަށް ހައުސިން މިނިސްޓްރީން ފާހަގަކުރެއެވެ. އެގޮތުން، ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ބޮޑުމިން 700 އަކަފޫޓަށްވުރެ ބޮޑުވާނެއެވެ. އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެކަމަށް ކަނޑައަޅާފައިވެއެވެ.
މީގެ އިތުރުން، އިމާރާތްތަކުގެ ފިނިޝިން މަސައްކަތްތަކާއި ވަށައިގެންވާ ޖާގަ ބޭނުންކުރުމުގެ އިންތިޒާމުތަކުގައި ކުރީގެ މަޝްރޫއުތަކަށްވުރެ ރަނގަޅު ބަދަލުތަކެއް ގެނެސްފައިވާނެއެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ހިންގަމުންނެވެ. މިހާރުވެސް މާލެ ސަރަހައްދުގެ ހުޅުމާލެ ފޭސް އެކަކުން ބިމަކާއި، ފޭސް ތިނަކުން ބިމަކާއި އަދި ވިލިމާލެއިން ބިމެއްގައި ހައުސިން ޔުނިޓުތައް އެޅުމަށް ދިވެހި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ހުޅުމާލެ ފޭސް ދޭއްގައި ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ޑިޒައިން ކުރުމުގެ މަސައްކަތްތައް ނިމި، ހުއްދަތައް ލިބުމާއެކު އަމަލީ މަސައްކަތް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.