ހުޅުމާލެ ފޭސް 2 ގައި ހުންނަ އަމާންދޯދި ފްލެޓްތަކުގެ ތެރެއިން ޓަވަރެއްގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓި އަނިޔާވެއްޖެއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ 16 އަހަރުގެ ފިރިހެން ކުއްޖަކަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 2 ގެ އަމާންދޯދި 5 ވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭގެ 23:14 ހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާގައި އަނިޔާވި ކުއްޖާއަށް މިހާރު ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނަމަވެސް، އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް ނުވަތަ އެ ކުއްޖާގެ ހާލަތާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. އުސް އިމާރާތްތަކުން މީހުން ވެއްޓުމުގެ ހާދިސާތައް ދޭތެރެއަކުން ހިނގަމުންދާތީ، ސަލާމަތީ ކަންކަމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ.