މެންޓަލް ހޮސްޕިޓަލް ހަދާނީ މާލޭގައި: ގީލާ

Screenshot 2026-06-23 at 11.52.02

ރާއްޖޭގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް މާލެ ސަރަހައްދުގައި ޤާއިމުކުރުމަށް ނިންމީ އެ ސަރަހައްދުން ޚިދުމަތް ހޯދާ މީހުންގެ އަދަދު އެހެން ސަރަހައްދުތަކާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވުމުގެ ސަބަބުން ކަމަށް ޞިއްޙަތާއި އާއިލާ އާއި އިޖުތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ޤީލާ އަލީ ވިދާޅުވީ، މާލެ ސަރަހައްދުން ބޭރުގައި މިފަދަ ހޮސްޕިޓަލެއް އެޅުމަށް ވަކި ދިރާސާއެއް ކުރެވިފައި ނެތް ނަމަވެސް، ޚިދުމަތް ހޯދާ ފަރާތްތަކުގެ ތަފާސްހިސާބުތަކަށް ބަލައި ހޮސްޕިޓަލުގެ މަޤާމު ކަނޑައެޅުން މުހިންމު ކަމަށެވެ. ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި 70،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން ކުރިއަށްގެންގޮސްފައިވާއިރު، އޭގެ ތެރެއިން 45،000 މީހުން ފަރުވާ ހޯދާފައިވަނީ މާލެ ސަރަހައްދުންނެވެ. މި ހޮސްޕިޓަލު އެޅުމަށްޓަކައި ހުޅުމާލެއިން 10،000 އަކަފޫޓުގެ ބިމެއް ސަރުކާރުން މިހާރު ވަނީ ކަނޑައަޅާފައެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުތަކުން ނަފްސާނީ ޞިއްޙީ ފަރުވާއަށް ދެމުން އައި އަހައްމިޔަތު ކުޑަވުމުގެ ސަބަބުން މިދާއިރާއިން އެކަށީގެންވާ ފަރުވާ ދެވިފައެއް ނުވެއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މިކަމަށް ޚާއްސަ އިސްކަމެއްދީ، ނަފްސާނީ ޞިއްޙަތު ހީނަރުވެފައިވާ މީހުންނަށް ފުރިހަމަ ފަރުވާ ދިނުމުގެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގެ ދަށުން ގުރައިދޫގައި ހުންނަ މަރުކަޒުގައި ފަރުވާ ހޯދަމުންދިޔަ 60 މީހަކަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރެވުމަކީ ބޮޑު ކާމިޔާބީއެއް ކަމުގައި ވަޒީރު ސިފަކުރެއްވިއެވެ.

ނަފްސާނީ ބަލިތަކަކީ މުޖުތަމަޢުގެ ތެރޭގައި ހިތް ނުތަނަވަސްކަމާއި ބިރުވެރިކަން އުފައްދާ ކަމަކަށްވާއިރު، މިކަމަށް ޚާއްސަ ހޮސްޕިޓަލެއްގެ މުހިންމުކަން ވަޒީރު ތަކުރާރުކުރެއްވިއެވެ. ސަރުކާރުން ޤާއިމުކޮށްފައިވާ މެންޓަލް ހެލްތު ހެލްޕް ލައިނަށް މިދިޔަ އަހަރު 10،000 އަށްވުރެ ގިނަ ފޯނު ކޯލު ލިބިފައިވުމަކީ ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމުގެ ހެއްކެކެވެ. މާލެ ސަރަހައްދުގައި ގާއިމުކުރާ މި ހޮސްޕިޓަލު ވެގެންދާނީ ޒަމާނީ ވަސީލަތްތަކާއެކު، ނަފްސާނީ ބަލިތަކަށް ފުރިހަމަ ފަރުވާ ލިބޭނެ މަރުކަޒަކަށް ކަމުގައިވެސް ވަޒީރު ޤީލާ އަލީ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ