އިލެކްޝަންސް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުގެ މަޤާމަށް މުޙައްމަދު ޝަކީލް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވީ އެ ކޮމިޝަންގެ ރައީސްކަމާއި މެންބަރުކަމުގައި ހުންނެވި މުޙައްމަދު ޒާހިދު އެ މަޤާމުތަކުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މުޙައްމަދު ޝަކީލް އެ މަޤާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވިއެވެ. މި މައްސަލަ ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އޭނާއަށް ރުހުން ދިނުމަށް ފެންނަ ކަމަށް ނިންމާފައެވެ.
މުޙައްމަދު ޝަކީލަކީ މީގެ ކުރިންވެސް އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2013 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އޭނާ ވަނީ އެ ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައެވެ. އަދި 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ މޭ މަހާ ހަމައަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަންވެސް އޭނާ ވަނީ ކުރައްވާފައެވެ. މިހާރު ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ޝަކީލް ވަނީ އޭނާގެ މަސައްކަތުގެ ހަޔާތުގައި އިދާރީ ގިނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ޝަކީލް ވަނީ ކޮމިޝަންގެ މަސައްކަތްތައް މިނިވަންކަމާއި އިންސާފުވެރިކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. ކުރިން ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވި ސަބަބުތަކަށް އަލިއަޅުވާލައްވައި އޭނާ ވިދާޅުވީ، މަސައްކަތް ކުރެއްވުމަށް އެކަށީގެންވާ މިނިވަން މާހައުލެއް ނެތްކަމަށް ޤަބޫލުފުޅު ކުރެއްވޭ ހިނދަކު ފަސްޖެހުމެއް ނެތި އިސްތިއުފާ ދެއްވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާ ގުޅިގެން މަޝްވަރާކޮށް، ހުރިހާ ފަރާތްތަކެއްގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 5 މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރު ހަސަން ޒަކަރިއްޔާއާއި، މެންބަރު ޢަބްދުލްޙަސީބް އިސްމާޢީލް އަދި މެންބަރު ރިފްޢަތު ޢަބްދުﷲއެވެ. މިވަގުތު ކޮމިޝަންގެ ރައީސްގެ މަޤާމު އޮތީ ހުސްވެފައެވެ. ކޮމިޝަންގެ ރައީސްގެ މަޤާމަށް މެންބަރަކު އައްޔަން ކުރެވޭނީ ކޮމިޝަންގެ މެންބަރުން ހަމަވުމަށްފަހު، އެ މެންބަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުންނެވެ.