މަސްތުވާތަކެތީގެ މައްސަލައެއްގައި ބައްޕަގެ ހެކިބަހާއެކު ދަރިއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް

Screenshot 2026-06-23 at 13.18.59

ރާއްޖޭގެ އުތުރުގެ ރަށެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރިކަން ސާބިތުވެ، ދައުވާ ލިބުނު މީހާގެ ބައްޕަގެ ހެކިބަހާއެކު އޭނާ އުމުރު ދުވަހަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2023 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖޭގެ އުތުރުގެ ރަށެއްގައެވެ. ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އެ ރަށުގައި ހިންގި އޮޕަރޭޝަނެއްގައި، ދައުވާ ލިބޭ މީހާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވެއެވެ. އެ ގެ ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ އުޅުނު ކޮޓަރިން މަސްތުވާތަކެތި ފެނިފައިވެއެވެ. މި މައްސަލައިގައި އޭނާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އިއުތިރާފުވުމާއެކު، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މި މައްސަލަ ދައުލަތުން ސާބިތުކޮށްފައިވަނީ ހުށަހެޅި ހެކިތަކުގެ އަލީގައެވެ. ހެކިންގެ ގޮތުގައި ދައުލަތުން ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ދައުވާ ލިބޭ މީހާގެ ބައްޕައާއި، އޭނާގެ ކޮއްކޮގެ އިތުރުން ޅިޔަނާއި ފަހަރި ހިމެނެއެވެ. ޝަރީއަތަށް ފާހަގަކުރެވުނު ގޮތުގައި، މަސްތުވާތަކެތި ފެނުނު ކޮޓަރި ހުޅުވުމަށް ފުލުހުންނަށް އެހީތެރިވެދިނީވެސް އޭނާގެ ބައްޕައެވެ.

މައްސަލަ ބެލި މެޖިސްޓްރޭޓް ކޯޓުން މިދިޔަ އާދިއްތަ ދުވަހު އިއްވި ހުކުމުގައިވަނީ، އޭނާ އުމުރު ދުވަހަށް ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައެވެ. މި ޖޫރިމަނާ ފައިސާ ބާރަ މަސް ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަން ޖެހޭ އަދަބަކީ 24 އަހަރާއި 11 މަހާއި އެއް ދުވަސް ކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، ދައުވާ ލިބުނު މީހާގެ މައްޗަށް މަސްތުވާތަކެއްޗާ ގުޅުން ހުރި އިތުރު ހަތަރު މައްސަލައެއްގެ ޝަރީއަތް މިހާރުވެސް ކުރިއަށް އެބަދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ