މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، މަގުގައި ތާރު އެޅުމުގެ މަސައްކަތް ޖުލައި 26ގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފޭސް 1ގެ ދަށުން މިހާރު ކުރިއަށްދަނީ ސެގްމަންޓް 2އިން ފެށިގެން 5އާ ހަމައަށް އޮންނަ 700 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގެ މަސައްކަތެވެ. މިއަހަރުގެ މާރިޗު މަހު ފެށި މި މަސައްކަތުގެ ތެރެއިން، މަގު ފުޅާކުރުމާއި އެއްގަމު ތޮށި ބޭރަށް ޖެއްސުމުގެ އިތުރުން ފެނާ ނަރުދަމާގެ ވިއުގަ ޤާއިމްކުރުމުގެ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ. މަޝްރޫޢުގެ ބައެއްގެ ގޮތުން 610 މީޓަރުގެ އެއްގަމު ތޮށި ވަނީ މުޅިން އައުކޮށް ތަރައްޤީކޮށްފައެވެ. މިހާރު އެމްޓީސީސީން ތައްޔާރުވަމުންދަނީ ތާރު އެޅުމުގެ ފަހުގެ ތައްޔާރީތައް ފުރިހަމަ ކުރުމަށެވެ. އެގޮތުން މަގު އެއްވަރުކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތްތައް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
މަގުގެ މަސައްކަތްތަކުގެ ތެރޭގައި ޒަމާނީ ފެންވަރަށް ތާރު އެޅުމުގެ އިތުރުން، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމާއި، ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބޭންކް އޮފް ސިލޯން ކުރިމަތިން ތޮށިގަނޑު އިތުރަށް ބޭރަށް ޖައްސައިގެން 580 ސައިކަލަށް ޕާކުކުރެވޭނެ ޚާއްޞަ ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، އުޅަނދުތަކަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި އަދި ފަސޭހަ މާޙައުލެއް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
މިހާތަނަށް މި މަޝްރޫޢުގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް 380 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކޮށް ނިންމާފައިވެއެވެ. މި މަސައްކަތްތަކާއެކު، ބޮޑުތަކުރުފާނު މަގުގެ އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިފައެވެ.
ޓްރެފިކްގެ މައްސަލަތަކަށް ހައްލު ހޯދައިދީ، މަގު އުތުރަށް ތަނަވަސްކުރުމުގެ ސަބަބުން ރައްޔިތުންނަށް ލިބުނު ލުއިފަސޭހައިގެ އިތުރުން، މާލޭގެ މަލަމަތި އިތުރަށް ފުރިހަމަވެ، ހިތްގައިމުކަމެއް ވަނީ ލިބިގެން ގޮސްފައެވެ. ޖުލައި މަހުގެ ފަހުކޮޅު މި މަޝްރޫޢު އެއްކޮށް ނިމުމުން، މުޅި ސަރަޙައްދުގެ އުމްރާނީ ފެންވަރު އިތުރަށް މަތިވެގެންދާނެއެވެ.