ނިމިދިޔަ ސަރުކާރުގައި މަސްވެރި ސިނާއަތުގެ އަމާޒެއް ނެތް، ހުރިހާ ކަމެއް އޮތީ ސިޔާސީކޮށްފައި: ސްޓޭޓް މިނިސްޓަރު އާމިނަތު

ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް
ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް. ފޮޓޯ: މިނިސްޓްރީ

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ވަކި އަމާޒެއް ކަނޑައަޅާފައި ނެތް ކަމަށާއި، އެ ސިނާއަތުގެ ކޮންމެ ކަމެއް ވެސް އެ ވެރިކަމުގައި އޮތީ ސިޔާސީކޮށްފައި ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ "ބޮޑު ހަބަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާމިނަތު ވިދާޅުވީ، ކުރީގެ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމަށް މުސްތަގުބަލަށް ވިސްނައިގެން ދެމެހެއްޓެނިވި އަމާޒަކަށް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އެގޮތުން، އެކި ސަރަހައްދުތަކުގައި މަސް ފެކްޓްރީތައް އެޅުމަށް ނިންމިއިރު، އެ ތަންތަނުގައި މަސައްކަތް ކުރާނެ މީހުން ތިބި މިންވަރަށާއި މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް ބަލާފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަނީ ހަރުދަނާ ޕްލޭންތަކެއްގެ ދަށުން ސިނާއަތް ކުރިއެރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންނެވި އެ ވުޒާރާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު ސަމީރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން މަސްވެރިން ބޭނުންކުރީ ސިޔާސީ މަންފާ ހާސިލުކުރުމަށް ކަމަށެވެ. އެގޮތުން މަސްވެރިން މުޒާހަރާތަކަށް ނެރުމާއި، ކަނޑުދަތުރުކުރާ އުޅަނދުފަހަރަށް ހުރަސްއެޅުމަށް މަސްވެރިން ބޭނުންކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި 2013 ވަނަ އަހަރުގެ އިންތިހާބާ ދިމާކޮށް މަހުގެ އަގު ކުއްލިއަކަށް ބޮޑުކުރުމަކީ އިހުލާސްތެރިކަމެއް ނެތި ކުރި ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ސަމީރު އިތުރަށް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ 280 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށެވެ. އެހެންނަމަވެސް، މިހާރު އެ ދަރަނިތައް ހަލާސްކޮށް، މަސް ކިލޯއެއްގެ އަގު 20 ރުފިޔާގައި ހިފަހައްޓައި، 24 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަސްވެރިންނަށް ބޭނުންވާ ތެޔޮ ސަބްސިޑީ ރޭޓުގައި ފޯރުކޮށްދެމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ