މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ކޭސް ފެނިއްޖެ

264164_3_552e3382227f952e25e144dde18c961f2e273392

ފާއިތުވި ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 2 ކޭސް ފެނިފައިވާއިރު، މިއަހަރުގެ މިހާތަނަށް ރިޕޯޓްކުރެވުނު ޖުމްލަ ކޭސްތަކުގެ އަދަދު 22 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފައިވާ އަދާހަމަތަކުން އެނގޭ ގޮތުގައި މާލެ ސަރަހައްދުގައި ހިމަބަލި ފެތުރޭ މިންވަރު ދަނީ އިތުރުވަމުންނެވެ. މިގޮތުން ފާއިތުވި ހަފުތާގައި އެކަނިވެސް ބަލީގެ 2 ކޭސް ވަނީ ރިޕޯޓްކުރެވިފައެވެ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ ޖުމްލަ އަދަދު ވަނީ 22 އަށް އިތުރުވެފައެވެ.

ބަލި ހުއްޓުވުމަށާއި، ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް އެޗްޕީއޭއިން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ސަވައިލެންސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ބަލި ހުރިކަމަށް ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށް ވަނީ އިންތިޒާމުތައް ހަމަޖައްސާފައެވެ. މީގެ އިތުރުން ހުން އައިސް ހަމުގައި ބިހި ނަގާ މީހުން ސްކްރީން ކުރުމުގެ ނިޒާމު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ހިމަބަލިން ރައްކާތެރިވުމަށްޓަކައި ޢާއްމުން ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. ހުންއައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކް އެޅުމަށް އިރުޝާދު ދެއްވައެވެ. އަދި ބަލީގެ އަލާމާތެއް ހުރިނަމަ، ޢާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުންނުކުރުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުމަށް އެ އެޖެންސީން އެދިވަޑައިގަންނަވައެވެ. ހަމައެހެންމެ، ހިމަބިއްސަށް ޝައްކުވެގެން ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެ ހުރުމަށް ވެސް އިރުޝާދު ދެއްވައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ