ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ބޭންކިންގ ދާއިރާގެ މެންބަރުކަމަށް ޒައިނާ އަބްދުﷲ އައްޔަންކުރައްވައިފިއެވެ.
ޒައިނާ އަކީ ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިންގ އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ފަންނީ ބޭފުޅެކެވެ. އޭނާ މިހާތަނަށް ހުންނެވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންގެ މަގާމުގައެވެ.
އެމްއައިބީގެ އެ މަގާމުގައި އޭނާ އިސްކޮށް ބަލަހައްޓަވަނީ ބޭންކުގެ ކޯޕަރޭޓް ފައިނޭންސިންގ އޮޕަރޭޝަންތަކާއި، ކްރެޑިޓް އިވެލުއޭޝަން، ފައިނޭންސިންގ ލިޔެކިޔުންތަކާއި ހުއްދަތައް ދިނުމުގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި މަޝްރޫއުތަކަށް ދޫކުރެވޭ ފައިނޭންސިންގއާ ގުޅޭ އެންމެހައި ކަންކަމެވެ.
އެމްއައިބީއާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް ފުރުއްވާފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ދައުލަތުގެ ކުންފުނިތަކުގެ މަސައްކަތްތައް މޮނިޓަކޮށް އިވެލުއޭޓް ކުރުމާއި، މާލީ ބަޔާންތަކާއި ބަޖެޓުތަކުގެ އިތުރުން ބިޒްނަސް ޕްލޭންތައް ދިރާސާކުރުމާއި، ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އިދާރީ މަސައްކަތްތަކުގައި މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް (އައިއެންސީއީއައިއެފް) އިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވާފައެވެ. އަދި އިންޑިއާގެ ޔުނިވާސިޓީ އޮފް ޕޫނޭއިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެއެވެ.
އޭނާގެ ފަންނީ ހުނަރުތަކުގެ ތެރޭގައި ކޯޕަރޭޓް ފައިނޭންސިން، ކްރެޑިޓް ރިސްކް އެސެސްމަންޓް، ގަވަނަންސް، ރެގިއުލޭޓަރީ ކޮމްޕްލަޔަންސް، އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ހިމެނެއެވެ.