މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަން ކުރެއްވި ޙަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޙަސަން ޒަރީރު މި މަޤާމަށް އައްޔަން ކުރައްވައި، ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުން، ވަޒީރުންގެ މަޖިލީހަށް އައްޔަންކުރައްވާ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ލިބިގެން މެނުވީ އެ ބޭފުޅުންނަށް ޤާނޫނީ ފުރިހަމަ ބާރުވެރިކަން ލިބިވަޑައިނުގަންނަވައެވެ. މި މައްސަލަ ދިރާސާކުރުމަށްފަހު ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ޒަރީރަށް ރުހުން ދޭން ފެންނަ ކަމަށް ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ނިންމާފައެވެ.
ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ މައްސަލައާމެދު މެންބަރުން ވޯޓު ދެއްވާފައިވެއެވެ. ޖަލްސާގައި ވޯޓު ދެއްވި 49 މެންބަރުންގެ އިއްތިފާޤުން ޙަސަން ޒަރީރަށް ރުހުން ދިނުމަށް ވަނީ ފާސްވެފައެވެ. މި ވޯޓާއެކު، މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރުގެ މަޤާމުގައި ޒަރީރު ރަސްމީކޮށް ދެމިހުންނަވާނެއެވެ.
ޙަސަން ޒަރީރަކީ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރެކެވެ. އެ ބޭފުޅާ ވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރުކަމާއި ކޮމިޝަނަރުކަމުގެ މަޤާމު އަދާކުރައްވައިފައެވެ. ތަޢުލީމީ ގޮތުން ޒަރީރު ވަނީ މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް) އިން ބެޗްލަރ އޮފް އެކައުންޓިން އަދި މާސްޓަރ އޮފް ސައިންސް ފިނޭންސް ހާސިލްކުރައްވައިފައެވެ.