ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާފުޅި ތަކެއް ނައްތާލަނީ. ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާފުޅި ތަކެއް ނައްތާލަނީ. ފޮޓޯ: މޯލްޑިވްސް ޕޮލިސް ސަރވިސް

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން މިއަދު ނައްތާލައިފިއެވެ. މި ތަކެތި ނައްތާލުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކ. ދޫނިދޫގައެވެ.

ދޫނިދޫގައި މިއަދު ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ބަނގުރަލުގެ 364 ފުޅިއާއި، ޕެޓް ފުޅީގައި ހުރި 78 ފުޅި ބަނގުރަލުގެ އިތުރުން 25 ބަނގުރާ ދަޅެވެ. މީގެ އިތުރުން އެހެނިހެން ހަތް އައިޓަމެއްވެސް ނައްތާލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މި ތަކެއްޗަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިހުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ. މީގެ ތެރޭގައި ހިމެނެނީ ތަހުލީލު މަރުހަލާ ނިމިފައިވާ 21 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި، ވަކި ފަރާތަކަށް ތުހުމަތު ނުކުރެވޭ ގޮތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 13 އިންސިޑެންޓެއްގެ ތަކެއްޗެވެ.

މި ތަކެތި ނައްތާލުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. މި މަސައްކަތް ބަލަހައްޓާފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ކޮމެޓީއަކުންނެވެ. މި ހަރަކާތުގައި ފުލުހުންގެ އިންސްޕެކްޓަރ ރޭންކުން މަތީގެ އޮފިސަރަކާއި، ކަމާގުޅޭ ތަމްރީނު ލިބިފައިވާ އިތުރު ހަތަރު ފުލުހުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުންވެސް ވަނީ އެ އަތޮޅު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ މި މަހުގެ 22 ވަނަ ދުވަހު ނައްތާލާފައެވެ. އެގޮތުން 105 ފުޅި ބަނގުރަލާއި 135 ދަޅު ބަނގުރާ ނައްތާލާފައިވެއެވެ.

ވިލިނގިލީގައި ނައްތާލި ތަކެއްޗަކީ މިއަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކޫއްޑޫ އެއާޕޯޓުން ފުރަން ދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ފުލުހުން ވިދާޅުވި ގޮތުގައި މިފަދަ ތަކެތި ނައްތާލުމަކީ ގާނޫނީ އިމުގެ ތެރެއިން، ކަނޑައެޅިފައިވާ ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މީގެ މަގްސަދަކީ މައްސަލަތަކުގައި ހިފެހެއްޓޭ ތަކެތި ރައްކާތެރިކަމާއެކު ނައްތާލައި، ނިޒާމުގެ ތެރެއިން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ