ސިނގިރެޓުން ނަގާ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް މިއަދުގެ ޖަލްސާގައި ކުރި ބަހުސް ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ.
މި ބަހުސްގެ ތެރެއިން ސަރުކާރު ހިންގާ ޕީއެންސީ އާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކޮށް، އެއް ޕާޓީން އަނެއް ޕާޓީގެ މައްޗަށް ވައްކަމާއި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މި ބިލުގައި ވަނީ ކޮންމެ ސިނގިރެޓަކުން ނަގާ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށެވެ. މީގެކުރިން، 2024 ވަނަ އަހަރު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ސިނގިރެޓްގެ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކޮށްފައެވެ. އޭގެ ކުރިން ސިނގިރެޓަކުން ނަގަމުން އައީ 3.30 ރުފިޔާގެ ޑިއުޓީއެކެވެ.
މިއަދުގެ ޖަލްސާގައި ބިލަށް ވާހަކަދައްކަވަމުން ޕީއެންސީގެ މެންބަރުން ވިދާޅުވީ، ކުރިން ސިނގިރެޓްގެ ޑިއުޓީ ބޮޑުކުރަން ނިންމީ ވޭޕް މަނާކުރުމާ ގުޅިގެން ގިނަ ބަޔަކު ސިނގިރެޓް ބޭނުންކުރަން ފަށާފާނެތީ ކަމަށެވެ. ނަމަވެސް، ފަހުން ހެދި ދިރާސާތަކުން އެފަދަ ބަދަލެއް އައިސްފައިނުވާކަން ސާފުވެފައިވާ ކަމަށް އެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވަމުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، ވޭޕް ބޭންކުރުމުން އެ ކޮމިއުނިޓީ ދުންފަތަށް ހިޖުރަކޮށްފާނެ ކަމުގެ ކަންބޮޑުވުން އޭރު އޮތް ނަމަވެސް، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެކަން އެގޮތަށް ހިނގާފައި ނުވާކަން ދިރާސާތަކުން އެނގޭ ކަމަށެވެ. އަދި މިހާރު ޑިއުޓީއަށް ބަދަލު ގެންނަން ހުށަހަޅާފައިވަނީ އިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ޖުމްލަ ރިކޮމެންޑޭޝަންތަކަކާ އެކު ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ މި ބަދަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ތުހުމަތު ކުރެއްވި ގޮތުގައި، ސިނގިރެޓްގެ އަގު ބޮޑުކުރީ އާންމުންނަށް ދަތިކުރާކަށް ނޫނެވެ. އޭގެ ބަދަލުގައި އެކަން ކުރީ ވަގަށް ސިނގިރެޓް އެތެރެކުރާނެ ކޮރަޕްޝަނުގެ މާކެޓެއް އުފެއްދުމަށެވެ. އޭނާ ވިދާޅުވީ 40 ފޫޓުގެ 50 ކޮންޓެއިނާ ސިނގިރެޓް ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ކަސްޓަމްސްއަށް ލިބެން އޮތް އާމްދަނީގެ ތެރެއިން ދެ ބިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ބައިވެރިވުމާއެކު ހިންގާފައިވާ ބޮޑު ވައްކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ޑިއުޓީ ބޮޑުކުރަން ކުރިން ގެނައި ބަދަލުތަކަކީ އޭގެ މަގުސަދު ހާސިލުނުވާނެ ބަދަލުތަކެއް ކަމަށް އެމްޑީޕީން އޭރުވެސް ބުނަމުންދިޔަ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ރަސްމީ ނިޒާމުން ބޭރުން ގިނަ އަދަދެއްގެ ސިނގިރެޓް އެތެރެކުރުމުގެ މަގު ހުޅުވިގެންދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވީ، 20 ވަނަ މަޖިލީހުން ފާސްކުރަމުންދާ ގާނޫނުތަކަކީ ގައުމަށް މިވަގުތު އެންމެ ބޭނުންތެރި ދާއިރާތަކަށް އަމާޒުކޮށްގެން ގެންނަ ބަދަލުތަކެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، ފަލާހު ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ ކަމަށް ބުނާ ބޮޑެތި ވައްކަމުގެ މައްސަލަތަކަށް އިޝާރާތް ކުރައްވައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.