ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޒަލެންޑް ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ކެނެޑާއާ ބައްދަލުކުރި މެޗުން 2-1 ގެ ނަތީޖާއަކުން ސްވިޒަލެންޑް މޮޅުވިއިރު، ބަލިވި ނަމަވެސް ކެނެޑާއަށް ވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ލިބިފައެވެ.
ކެނެޑާގެ ވެންކޫވަރގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ސްވިޒަލެންޑުންނެވެ. ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ރުބެން ވާގަސް ލަނޑެއް ޖަހައި ސްވިޒަލެންޑަށް ކުރިހޯދައިދިންއިރު، މެޗުގެ 57 ވަނަ މިނެޓުގައި ޖޯހަން މަންޒަމްބީ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ކެނެޑާގެ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕްރޮމިސް ޑޭވިޑެވެ.
މި ގްރޫޕުގައި ހިމެނޭ ބޮސްނިއާ އާއި ގަތަރު ބައްދަލުކުރި މެޗު 3-1 އިން ކާމިޔާބުކުރީ ބޮސްނިއާއެވެ. އެމެރިކާގެ ސިއެޓްލްގައި ކުޅުނު މި މެޗުގައި ބޮސްނިއާގެ ލަނޑުތައް ޖަހައިދިނީ ކެރިމް އަލަޖްބެގޮވިޗާއި އާމިން މަމިޗެވެ. އަނެއް ލަނޑަކީ ގަތަރުގެ ސުލްތާން އަލް-ބްރޭކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ގަތަރުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހަސަން އަލް-ހައިދޯސްއެވެ. މި މޮޅާއެކު ބޮސްނިއާއަށް ވަނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އާވެފައެވެ.
މި ނަތީޖާތަކާއެކު ސްވިޒަލެންޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ކެނެޑާ އާއި ބޮސްނިއާއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ކެނެޑާއަށް ދެވަނަ ލިބުނީ ގޯލުގެ ތަފާތުންނެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚުގައި ކެނެޑާ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ފުރަތަމަ ފަހަރެވެ. މިއާއެކު މި ފަހަރުގެ މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ވެސް ވަނީ ދެވަނަ ބުރުގެ ޖާގަތައް ކަށަވަރުކޮށްފައެވެ.