ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދާ އެކަށޭނަ މިންވަރަށް އެ ޕާޓީއަށް މަޖިލީހުގެ ކޮމިޓީތަކުން ޖާގަ ދީފައިވާ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކުން އެމްޑީޕީގެ މެންބަރުންނަށް އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ބުނެ، އެ ޕާޓީގެ ޕާލިމަންޓަރީ ގުރޫޕުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރައްވަނީ 13 މެންބަރުންނެވެ. އެއީ މުޅި މަޖިލީހުގެ 13 އިންސައްތައެވެ. ނަމަވެސް، ކޮމިޓީތަކުގެ ޖާގަތަކުގެ 13.7 އިންސައްތަ އެމްޑީޕީއަށް ދީފައިވާ ކަމަށް އަޒާން ވިދާޅުވިއެވެ.
މަޖިލީހުގެ އެންމެ މުހިއްމު ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި އިގުތިސާދީ ކޮމިޓީން އެމްޑީޕީއަށް މާ ބޮޑު އިންސައްތައެއް ދީފައިވާކަން އަޒާން ފާހަގަކުރެއްވިއެވެ. އެގޮތުން މާލިއްޔަތު ކޮމިޓީގެ 18 އިންސައްތަ އަދި އިގުތިސާދީ ކޮމިޓީގެ 27 އިންސައްތަ ޖާގަ އެމްޑީޕީއަށް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަޒާން ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެންބަރުންގެ އަދަދަށް ބަލާއިރު އެ ދެ ކޮމިޓީން އެ ޕާޓީއަށް ހައްގުވަނީ އެންމެ ދެ ޖާގައެވެ.
މީގެ އިތުރުން، ނިމިދިޔަ 19 ވަނަ މަޖިލީހުގައި އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތްއިރު އިދިކޮޅު ފަރާތްތަކާ މެދު އަމަލުކުރި ގޮތަށް އަޒާން ފާޑުވިދާޅުވިއެވެ. އެ ދައުރުގައި އިދިކޮޅު ކޯލިޝަނުގައި ތިއްބެވި އަށް މެންބަރުންނަކީ މަޖިލީހުގެ 10 އިންސައްތަ ކަމަށް ވިޔަސް، ކޮމިޓީތަކުން އެ ފަރާތްތަކަށް ދިނީ އެންމެ އަށް އިންސައްތަ ޖާގަ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، އެމްޑީޕީން މަޖިލީހުގައި ކުރަމުންދާ އިހުތިޖާޖަކީ މަޖިލިސް ހިންގުމުގެ މައްސަލައެއް އޮވެގެން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމަށް އަޒާން ތުހުމަތު ކުރެއްވިއެވެ.