ރާއްޖޭގެ މަތީ ތައުލީމީ ނިޒާމުގެ ތެރޭގައި ފޭކު ސެޓުފިކެޓުތަކާއި ފެންވަރުދަށް ސަނަދުތައް އިތުރުވަމުންދާ މައްސަލަ ދިރާސާކުރުމަށްޓަކައި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް އެދި ހުށަހަޅައިފިއެވެ.
މިކަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ރާއްޖޭގެ ބައެއް މަތީ ތައުލީމުދޭ މަރުކަޒުތަކުން އެކަށީގެންވާ ފެންވަރުގެ ތައުލީމާއި އަމަލީ ހުނަރު އުނގަންނައިނުދީ ސަނަދުތައް ދޫކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. މީގެ ސަބަބުން ކިޔަވައިދޭ މާއްދާތައް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ނުފެތުމާއި، ސަނަދު އޮތް ނަމަވެސް އަމަލީ މައިދާނުގައި މަސައްކަތްތެރިންގެ ކިބައިގައި ގާބިލުކަން ނެތުމުގެ ކަންބޮޑުވުން ވަޒީފާދޭ ފަރާތްތަކުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފެންވަރެއް ނެތް ސަނަދުތަކެއް ހޯދުމަށް ދަރިވަރުންނާއި އާއިލާތަކުން ބޮޑެތި ހަރަދުތަކެއް ކުރަންޖެހުމަކީ މާލީ ގޮތުން ލިބޭ ބޮޑު ގެއްލުމެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވިއެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ނިޒާމުގެ އަގުވެއްޓި، ބޭރުގެ ގައުމުތަކުން ދިވެހި ސަނަދުތައް ބަލައިނުގަންނަ ހާލަތަކަށް ހިނގައިދާނެ ކަމުގެ ބިރު އޮތްކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.
މި ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ މަތީ ތައުލީމުގެ ފެންވަރު ހިފެހެއްޓުމުގައި އެމްކިއުއޭގެ ދައުރާއި، ފޭކު ސަނަދުތައް ހުއްޓުވުމުގައި އެ އިދާރާއަށް ހުރި ގޮންޖެހުންތައް ދެނެގަތުމެވެ. އަދި މި މައްސަލަ ހައްލުކުރުމަށްޓަކައި މަޖިލީހާއި، އެމްކިއުއޭ އަދި ކަމާބެހޭ އެހެނިހެން އިދާރާތައް ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަތުން ހިމެނެއެވެ. މެންބަރު ވިދާޅުވީ، ތައުލީމީ މަރުކަޒުތަކުން ނިކުންނަ ދަރިވަރުންނާމެދު ވަޒީފާދޭ ފަރާތްތަކުގެ އިތުބާރު އިއާދަކުރުމަކީ ގައުމުގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.