ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ އެންވެރިކަމުގެ ދަތިތަކަށް ދާއިމީ އަދި އިސްތިރާތީޖީ ހައްލެއް ހޯދުމުގެ ގޮތުން، 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން އަމާޒު ހިފައިފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުއްޠަލިބު ވިދާޅުވީ، ރާއްޖޭގައި މެރިކަލްޗަރ ނުވަތަ ކަނޑުގެ ދިރުންތައް އާލާކުރުމުގެ ސިނާއަތް ވަކި މިނިވަން ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. މީގެ ކުރިން މި މަސައްކަތް ރާއްޖޭގައި ކުރެވިފައިވަނީ ވަރަށް ކުޑަ ފަންތިއެއްގައި، "ކޮޓޭޖް ލެވެލް" ގައެވެ. ނަމަވެސް މިހާރުގެ ސަރުކާރުގެ ވިސްނުމަކީ މިއީ ރާއްޖޭގެ އިޤްތިޞާދުގެ މައި އެއް ތަނބަށް ހެދުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މެރިކަލްޗަރ ސިނާއަތް ކުރިއެރުވުމަށްޓަކައި މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަމަލީ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. އެގޮތުން މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެރަށް ކައިރީގައި އޮތް ފަޅެއް މެރިކަލްޗަރ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އަމިއްލަ ކުންފުންޏަކަށް ވަނީ ދޫކޮށްފައެވެ. މީގެ އިތުރުން، ގދ. އަތޮޅުގައި ބޭރުގެ އިންވެސްޓަރަކާއި ދިވެހި ކުންފުންޏެއް ގުޅިގެން ބޮޑު މެރިކަލްޗަރ އިންވެސްޓްމަންޓެއް ކުރިއަށްގެންދާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި މަޝްރޫޢުތަކުގެ ދަށުން ރާއްޖޭގައި އާލާކުރެވޭ ބާވަތްތަކުގެ ތެރޭގައި ޑިނގާ، ހުއިފިލަނޑާ، ފާނަ އަދި ސީވީޑް ހިމެނެއެވެ. މީގެ ތެރެއިން ސީވީޑް އާލާކުރާ ފަރާތްތަކުން މިހާރުވެސް އެ ބާވަތް ރާއްޖޭއިން ބޭރަށް އެކްސްޕޯޓްކޮށް، ބޭރު ފައިސާ ހޯދަމުންދާކަން މިނިސްޓްރީން ފާހަގަކުރެއެވެ. ސަރުކާރުގެ އަމާޒަކީ ސީވީޑް އާލާކުރުމުގެ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކޮށް، އާންމު މަސްވެރިންނަށްވެސް އޭގެ ނަފާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
ދޮށީގެ މަސްވެރިކަމުގައި އެން ލިބުމަކީ މަސްވެރިންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޚާއްޞަކޮށް މޫސުން ގޯސްވާ ދުވަސްވަރު އެން ހޯދުމަށް މަސްވެރިން ކުރަންޖެހޭ ދަތުރުތަކާއި އުފުލަންޖެހޭ ތަކުލީފުތައް ބޮޑެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ގދ. އަތޮޅުގައި އިންވެސްޓްކުރާ ފަރާތާއެކު އެން އާލާކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ.
ސްޓޭޓް މިނިސްޓަރ މުއްޠަލިބު ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ ތެރެއިން 2028 ވަނަ އަހަރު އަންނަންވާއިރަށް މަސްވެރިންނަށް ބޭނުންވާ މިންވަރަށް އެން އާލާކޮށް، އެ ކުންފުނި މެދުވެރިކޮށް މަސްވެރިންނަށް އެން ފޯރުކޮށްދޭން ފެށޭނެއެވެ. މިއީ ރާއްޖޭގައި "ބެއިޓް ފިޝަރީ" ނުވަތަ އެންވެރިކަމުގެ ވަކި ސިނާއަތެއް ގާއިމުކުރުމަށް ކުރެވޭ ތާރީޚީ މަސައްކަތެކެވެ. މިކަމުގެ ސަބަބުން މަސްވެރިން އެން ހޯދުމަށް ހޭދަކުރާ ވަގުތު ކުޑަވެ، މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ލަފާކުރާ ގޮތުގައި، މެރިކަލްޗަރ ސިނާއަތް އެކަށީގެންވާ ގޮތެއްގައި ފުޅާވެގެންދާއިރު، ކައިރި މުސްތަޤްބަލެއްގައި މި ސިނާއަތުން ލިބޭ އާމްދަނީ ކަޅުބިލަމަހުގެ މަސްވެރިކަމުން ލިބޭ އާމްދަނީއާ އެއްވަރުވާނެއެވެ. އަދި ބައެއް ހާލަތްތަކުގައި އެއަށްވުރެ ބޮޑު އާމްދަނީއެއް ލިބުމުގެ ފުރުސަތު އޮތްކަންވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.