ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، އެ ޤައުމުގެ އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒަށް ހަމްދަރުދީއާއި ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
President extends condolences following the earthquakes in Venezuela
https://t.co/9OZEGX5gyV— The President's Office (@presidencymv) June 25, 2026
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ވެނެޒުއޭލާއަށް ކުރިމަތިވި މި ގުދުރަތީ ކާރިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވެ، އަދި ގެދޮރާއި އާންމު ބިނާރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޚަބަރު އަޑުއެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ވެނެޒުއޭލާގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައީސް ވަނީ ރައްދުކުރައްވާފައެވެ.
މީގެ އިތުރުން، ބިންހެލުމުގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުން އެދި ދުޢާކުރައްވައި، އެ ފަރާތްތަކަށް ރައީސްގެ މެސެޖުގައި ހަމްދަރުދީ ފޮނުއްވިއެވެ. އަދި މި ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމަށާއި، ގެއްލުން ލިބުނު ސަރަހައްދުތައް އާންމު ހާލަތަށް ގެނައުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ފާހަގކުރައްވާފައިވެއެވެ.
ވެނެޒުއޭލާއަށް އައި މި ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމުގެ އެކި ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިން ދަނީ ވެނެޒުއޭލާއަށް ހަމްދަރުދީގެ މެސެޖުތައް ފޮނުއްވައި، އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބިކަން ހާމަކުރައްވަމުންނެވެ.