އުސްގެކޮޅަށް ގެއްލުންދިން މައްސަލަ ބަލަނީ، އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

އުސްގެކޮޅަށް ދީފައިހުރި ބައެއް ގެއްލުންތައް. ފޮޓޯ: މިނިސްޓްރީ
އުސްގެކޮޅަށް ދީފައިހުރި ބައެއް ގެއްލުންތައް. ފޮޓޯ: މިނިސްޓްރީ

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބައިތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާ ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ މައްސަލަ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އުސްގެކޮޅަށް ގެއްލުންދީފައިވާކަން ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން އެކަން ހިނގާދިޔަ ގޮތާއި އެކަމުގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި އަމަލު ހިންގި ފަރާތްތައް ހޯދުމަށްފަހު، އެ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެއެވެ.

ސަގާފީ ތަރިކައަށް ގެއްލުން ދިނުމަކީ ކަނޑައެޅިގެން މަނާކަމެއް ކަމަށާއި، އެފަދަ އަމަލުތަކުގެ ސަބަބުން އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ތާރީޚީ ބިނާތަކަށް ލިބިދާނެ ކަމުގެ އިންޒާރުވެސް މިނިސްޓްރީން ވަނީ ދީފައެވެ.

އުސްގެކޮޅު ބެލެހެއްޓުމާ ގުޅޭގޮތުން ހެރިޓޭޖް މިނިސްޓްރީން ބުނީ، އެ ސަރަޙައްދު ތަރައްޤީކުރުމަށް އެ ވުޒާރާއިން ރާވާފައިވާ މަޝްރޫޢަކާ ގުޅިގެން، އުސްގެކޮޅުގެ ތަޅުދަނޑިއާއި އެތަން ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށެވެ. ނަމަވެސް، މިހާތަނަށް ސިޓީ ކައުންސިލުން އެތަން މިނިސްޓްރީއާ ޙަވާލުކޮށްފައި ނުވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން، ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށްވެސް ހެރިޓޭޖް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީގެ އަމާޒަކީ މިފަދަ ތާރީޚީ ބިނާތައް އެންމެ އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) (1893-1903) ގެ ރަސްކަމުގައި ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ ބިނާއެކެވެ.

މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބިނާވެސް މެއެވެ. މި ބިނާއަކީ އެ ދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ފުރިހަމައަށް ދައްކުވައިދޭ، ފެންވަރު ރަނގަޅު ބިނާއެކެވެ.

މީގެ އިތުރުން، މީގެ 74 އަހަރު ކުރިން ރާއްޖޭގެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް އެންމެ ފުރަތަމަ ހުޅުވާފައިވަނީ މި އިމާރާތުގައެވެ. އެހެންކަމުން، މިއީ ހަމައެކަނި ބިނާއެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޚާއި ސަގާފަތާ ގުޅިފައިވާ ވަރަށް މުހިންމު ތަރިކައެއް ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިފަދަ ތަންތަނަށް ދޭ ގެއްލުންތަކުގެ ސަބަބުން، އެ ތަންތަނުގެ ސަގާފީ އަގަށް ނޭދެވޭ އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތައް ލިބުމުގެ ފުރުޞަތު އޮތްކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ