ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނާ ވަކިން ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެދުންތައް ސީދާ ހިއްސާކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ޕީ.އެސް.އެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކޮށް، އެމީހުންގެ މައްސަލަތައް އަޑުއެހުމަކީ ސަރުކާރުން އިސްކަންދޭ އަސާސީ ކަމެއް ކަމަށާއި، މިގޮތުން ރައްޔިތުންނަށް ފަސޭހައިން އެމަނިކުފާނާ ބައްދަލުކުރެވޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށެވެ.
މި ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުވަތަ ދެ ދުވަހު، ވަކި ވަގުތަކާއި އުސޫލެއް ކަނޑައަޅައިގެންނެވެ.
ކޮންމެ ދާއިރާއަކުން ވަކި އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭވިފައިވާއިރު، ރައީސް ވިދާޅުވީ، ކޮންމެ ދާއިރާއަކުން ގާތްގަނޑަކަށް 10 އާއި 15 އާއި ދެމެދުގެ އާއިލާއަކާ ނުވަތަ ގޭގެ ފަރާތްތަކާ ބައްދަލުކުރެވޭނެ ކަމަށެވެ.
މުޅި ރާއްޖޭގެ ހުރިހާ ދާއިރާއެއް ކަވަރުކުރުމަށް ހަފްތާއަކު ދެ ދުވަހު ބައްދަލުކުރިޔަސް، ގާތްގަނޑަކަށް އެއް އަހަރު ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިގޮތަށް ބައްދަލުކުރުމުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުންނަށް އެމީހުން ބޭނުންވާ ވާހަކަތައް ސީދާ ރައީސާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމެވީ، މީގެ ކުރިން މާލޭގެ އެކި އަވަށްތަކުގައި ބޭއްވި "އަވަށު ބައްދަލުވުންތަކުގައި" ރައްޔިތުންގެ ފަރާތުން ގިނަ އެދުންތަކެއް ހުށަހަޅާފައިވާތީއެވެ.
އެ ބައްދަލުވުންތަކުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަވެފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކެވެ. ރައީސް ވިދާޅުވީ، ފްލެޓު ނުލިބިގެން ހުށަހެޅުނު ޝަކުވާތަކަށް، އެޕްލިކޭޝަންތަކަށް މާކްސް ދީފައިވާ ގޮތް ރަނގަޅުތޯ ބަލައި، އެއަށް ޖަވާބު ދީފައިވާނެ ކަމަށެވެ. ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދެއްވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަރަށް ސީރިއަސްކޮށް މަސައްކަތްކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް އެދިވަޑައިގަތީ، އެއްވެސް މީހަކަށް ޖަވާބެއް ނުވަތަ ކަމެއް ހަމަޖައްސައި ނުދެވި އޮތް ނަމަ، އެކަން އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްދިނުމަށެވެ. ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަބަދުވެސް އިސްކަންދޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއިރު، މިފަދަ ބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.