ދަރިންނަކީ އަމާނާތެއް، އެކުދިންނަށް އިހުމާލުވުމަކީ ޚިޔާނާތެއް: ހުކުރު ޚުޠުބާ

3ca972dd-734d-418b-9bcd-0cff245110b3

މިއަދުގެ ހުކުރު ޚުޠުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ "އަމާނާތްތަކަށް ރައްކާތެރިވުން" މި މައުޟޫޢުގެ މައްޗަށެވެ.

މުޅި ރާއްޖޭގައި އިއްވި މި ޚުޠުބާގައި ބަޔާންކޮށްފައިވާ ގޮތުގައި، އަމާނާތުގެ މާނައަކީ ހަމައެކަނި މީހުން ރައްކާކުރަން ހަވާލުކުރާ މުދަލެއް ނޫނެވެ. އޭގެ ބަދަލުގައި، އަމާނާތަކީ މާތްﷲ އާއި މީސްތަކުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ކަމެއް ހިމެނޭ ވަރަށް ފުޅާ މާނައެއް އެކުލެވޭ ކަމެކެވެ.

ޚުޠުބާގައި އެންމެ ބޮޑަށް ބާރުއަޅާފައިވާ އެއް ކަމަކީ ދަރިންނަކީ މާތްﷲ ދެއްވާފައިވާ މަތިވެރި އަމާނާތެއް ކަމެވެ. އެ ކުދިންނަށް ހެޔޮގޮތުގައި ތަރުބިއްޔަތު ނުދިނުމާއި، އެކުދިންގެ ޙައްޤުތައް އަދާކުރުމުގައި ފަރުވާކުޑަކުރުމަކީ ހަވާލުކުރެވިފައިވާ އަމާނާތަށް ވެވޭ ޚިޔާނާތެއްގެ ގޮތުގައި ޚުޠުބާގައި ސިފަކޮށްފައިވެއެވެ. މީގެ އިތުރުން، އިންސާނާގެ ހަށިގަނޑުގެ ގުނަވަންތަކަކީ ވެސް އަމާނާތެއް ކަމަށާއި، ލޮލާއި ކަންފަތާއި ދޫ ފަދަ ގުނަވަންތައް ޙަރާމް ކަންކަމުން ދުރުހެލިކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.

އަމާނާތްތެރިކަމުގެ ދާއިރާގެ ތެރެއިން ދައުލަތާއި ރައްޔިތުންގެ މުދަލާއި ފައިސާއަށް ރައްކާތެރިވުމުގެ މުހިންމުކަން ޚުޠުބާގައި ފާހަގަކުރިއެވެ. ވަކި ފަރުދެއްގެ މުދަލަށް ޚިޔާނާތްތެރިވުމަށްވުރެ، މުޅި މުޖުތަމަޢުގެ ޙައްޤުތައް އެކުލެވޭ ރައްޔިތުންގެ މުދަލަށް ޚިޔާނާތްތެރިވުމުގެ ފާފަ ބޮޑުވެގެންވާ ކަމަށް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ، އަދާކުރާ ވަޒީފާއާއި ވަޒީފާގެ ވަގުތަކީ ވެސް އަމާނާތެއް ކަމަށާއި، މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމަކީ އަމާނާތަށް ވެވޭ ޚިޔާނާތެއް ކަމަށް ހަނދާންކޮށްދީފައިވެއެވެ.

އަމާނާތްތެރިކަމަކީ މުއުމިނެއްގެ އީމާންކަން ފުރިހަމަވުމުގެ ޝަރުޠެއް ކަމަށާއި، އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ ސިފައެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި މި ބުރަ މަސްއޫލިއްޔަތަކީ އުޑުތަކާއި ބިން އަދި ފަރުބަދަތަކުން ވެސް އުފުލަން ބިރުވެތިވި ކަމެއް ނަމަވެސް، އިންސާނާ އެކަމާ ހަވާލުވިކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ.

ޚުޠުބާ ނިންމާލަމުން ވަނީ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތަކަކީ ވެސް އަންނާން އޮތް ޖީލުތަކަށްޓަކައި ރައްކާތެރިކުރަންޖެހޭ އަމާނާތެއް ކަމަށް ބުނެފައެވެ. އަދި ޤިޔާމަތް ދުވަހުން މި ހުރިހާ އަމާނާތްތަކާ މެދު ސުވާލުކުރެވޭނެތީ، މާތްﷲ އަށް ބިރުވެތިވެ އަމާނާތްތަކަށް ރައްކާތެރިވުމަށް މުޅި އިސްލާމީ އުންމަތަށް އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ