ފުވައްމުލަކު ސިޓީގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ރަސްމީކޮށް ހުޅުވައިފި

ފުވައްމުލަކު ސިޓީގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފުވައްމުލަކު ސިޓީގައި ޤުރުއާނާ ބެހޭ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ފުވައްމުލަކު ސިޓީގައި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ރަސްމީކޮށް ހުޅުވައި، އެ ސިޓީގައި ޤުރުއާން އުނގަންނައިދިނުމުގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަރުކަޒު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛު ޢަބްދުﷲ ސަޢުދާން އެވެ.

މި މަރުކަޒަކީ ކީރިތި ޤުރުއާން އުނގަންނައިދިނުމަށް ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ތަނެކެވެ.

އެގޮތުން މި އިމާރާތުގައި ފަސް ކުލާސްރޫމާއި، ނަމާދު ކުރާނެ ޚާއްޞަ ކޮޓަރިއަކާއި، ޤުރުއާން ހިތުދަސްކުރާ ކުދިންގެ ފެންވަރު ބެލުމަށް ބޭނުންކުރާ ހިފްޒު ޓެސްޓު ރޫމެއްގެ އިތުރުން އޮޑިޓޯރިއަމެއް ހިމެނެއެވެ. މީގެ އިތުރުން ކިޔަވައިދޭ މުދައްރިސުންނާއި ދަރިވަރުންނަށް ބޭނުންވާނެ ލައިބްރަރީއަކާއި، އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސް ބަޔަކާއި މީޓިންގ ރޫމެއްވެސް މި މަރުކަޒުގައި ވަނީ ޤާއިމުކޮށްފައެވެ.

މި މަރުކަޒު ހުޅުވުމާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ޤުރުއާން ހިތުދަސްކުރުމުގެ ޕްރޮގްރާމްތައް މިހާރަށްވުރެ ފުޅާކުރައްވާނެ ކަމަށެވެ. އަދި އެ ސިޓީގައި މަސައްކަތްކުރާ ޤުރުއާން މުދައްރިސުންގެ އަދަދު އިތުރުކުރުމަށް ހަމަޖެހިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ ޑިޒައިން މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އެ މަރުކަޒުގެ ކޮންސެޕްޓާ މެދު ކައުންސިލްގެ ލަފައެއް ހޯދުމަށް މިހާރު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލަށް ފޮނުވާފައެވެ. އިސްލާމީ މަރުކަޒުގެ ބިނާ ނިމުމުން، މިހާރު ހުޅުވި ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް އެތަނަށް ބަދަލުކުރެވޭނެއެވެ.

މިހާރު ހުޅުވި ޤުރުއާނާ ބެހޭ މަރުކަޒުގެ ޚިދުމަތްތައް އައު އިސްލާމީ މަރުކަޒަށް ބަދަލުވުމުން، މިހާރު ބޭނުންކުރާ އިމާރާތް ބަދަލުވެގެންދާނީ ވަޤުފު ބިނާއަކަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި އެ ބިނާއިން ލިބޭ އާމްދަނީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަމާއި ހަރަކާތްތައް ކުރިއަށް ގެންދިއުމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮފިތައް ޤާއިމުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި އަމާޒުގެ ދަށުން މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 16 ޤުރުއާން މަރުކަޒެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ