ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް އެޅުމަށް އާރުޑީސީއާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ލިޔުންތައް ބަދަލުކުރައްވަނީ
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ލިޔުންތައް ބަދަލުކުރައްވަނީ. ފޮޓޯ: އެމްއެންޑީއެފް

ގއ. ވިލިނގިލީގައި އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަނެއް ގާއިމުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލިފާން ނިއްވުމުގެ ހިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ރައްކާތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫއެކެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބަންޑާރަކޮށީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުއާޒު ހަލީމެވެ. އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ ހަސަން ރިފާއީ ބުޝްރީއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އިސް ބައެއް ބޭފުޅުންނާއި އާރުޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން ވިލިނގިލީގައި ގާއިމުކުރެވޭ ފަޔަރ ސްޓޭޝަނަކީ ޒަމާނީ ވަސީލަތްތަކާއެކު، އަލިފާނުގެ ހާދިސާތަކުގައި ހަރަކާތްތެރިވުމަށް ބޭނުންވާ މުހިންމު އާލާތްތައް ބެހެއްޓޭނެ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ އިމާރާތެކެވެ.

މިނިސްޓްރީ އޮފް ޑިފެންސުން މައުލޫމާތު ދެއްވާ ގޮތުގައި، މި މަސައްކަތަކީ މިހާރުގެ ސަރުކާރުން އަލިފާން ނިއްވުމުގެ ހިދުމަތް ފުޅާކުރުމަށް އެކަށައަޅުއްވާފައިވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ހިދުމަތް ގާއިމުކޮށް، ކުއްލި ހާލަތްތަކުގައި ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

ގއ. އަތޮޅުގެ ވެރިކަން ކުރާ ރަށް، ވިލިނގިލީގައި މިފަދަ މަރުކަޒެއް ގާއިމުވުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މީގެ ކުރިން އެ ސަރަހައްދުގައި ހިނގާފައިވާ ބައެއް އަލިފާނުގެ ހާދިސާތަކުގައި، އެކަށީގެންވާ ވަސީލަތްތައް ކައިރީގައި ނެތުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އާ ފަޔަރ ސްޓޭޝަނާއެކު، ހާދިސާތަކަށް އިޖާބަދޭ ވަގުތު އަވަސްވެ، މުދަލާއި ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށް އެމްއެންޑީއެފުން އުންމީދު ކުރެއެވެ.

މި މަޝްރޫއުގެ ސަބަބުން ވިލިނގިލީގެ އިތުރުން، އެ އަތޮޅުގެ އެހެން ރަށްތަކަށްވެސް އަލިފާނުގެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރިވުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. ސަރުކާރުން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އިތުރު ސްޓޭޝަންތައް ބިނާކޮށް، މުޅި ރާއްޖެއަށް މި ހިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ