މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުގެ ތެރެއިން ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ މަގުސަދުގައި ފެށި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ގެ ފުރަތަމަ މަރުހަލާގައި 50 ފަރާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
މި މަޝްރޫއަކީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އިތުރުން އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަސައްކަތެކެވެ.
މި އެހީގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ހުޅުވާލާފައިވަނީ ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތު ދޭ ގޮތުގައި، މި ބުރުގައި ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތެއް އިވެލުއޭޝަން މަރުހަލާއަށްފަހު ހޮވައި، އެ ފަރާތްތަކަށް ގްރާންޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ އައު އީޖާދީ މަގުތައް ފަހިކޮށްދިނުމެވެ. މީގެ ތެރޭގައި މޫސުމާ ގުޅޭ ދަނޑުވެރިކަމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގެ އިތުރުން، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކުރުމަށް ހިތްވަރު ދިނުން ހިމެނެއެވެ. އަދި އުފައްދާ ތަކެތި ތައްޔާރުކުރުމާއި ބާޒާރުގައި މާކެޓްކުރުމުގެ އައު ގޮތްތައް ތައާރަފްކުރުމަށް ހިންގާ ހަރަކާތްތަކަށްވެސް މި ގްރާންޓްގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ. މި ފުރުސަތު ބަންދުވާނީ 150 އެޕްލިކޭޝަން ހަމަވުމުން ނުވަތަ އަންނަ އޮގަސްޓް މަހުގެ 23 ވަނަ ދުވަހަށެވެ. މުޅި މި ޕްރޮގްރާމްގެ އެކި ފޭސްތަކަށް ބަހާލައިގެން ޖުމްލަ 300 ފަރާތަކަށް އެހީ ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕްރޮގްރާމަކީ ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން، އީޖާދީ ހިޔާލުތައް ތަންފީޒުކުރުމަށް ހުރި މާލީ ހުރަސްތައް ނައްތާލުމަށް ހިންގާ މަޝްރޫއެކެވެ.