ފަންނީ އުފެއްދުންތަކުގެ ޑިޖިޓަލް މާކެޓްޕްލޭސް "ކްރިއޭޓޯލް" ހަރުދަނާކުރުމަށް ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް އިން އެއްބަސްވެއްޖެ

ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ޕީއެސްއެމް އާއި ވިޒިޓް މޯލްޑިވްސް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ: ވީއެމްސީ

ދިވެހިރާއްޖޭގެ ފަންނީ އުފެއްދުންތަކަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ޑިޖިޓަލް މާކެޓްޕްލޭސް "ކްރިއޭޓޯލް" އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ސަގާފަތާއި ތަރިކަ އަދި ފަންނީ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމެވެ.

މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީއެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބުއެވެ. މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ މުއްސަނދި އޯޑިއޯ ވިޝުއަލް އަރުޝީފާއި މީޑިއާ ވަސީލަތްތައް ކްރިއޭޓޯލް ޕްލެޓްފޯމާ އިންޓަގްރޭޓް ކުރެވިގެންދާނެއެވެ.

ވިޒިޓް މޯލްޑިވްސްއިން ހާމަކުރި ގޮތުގައި، މި އިސްނެގުމުގެ ދަށުން ޕީއެސްއެމްގެ އަރުޝީފުގައި ހުރި ތާރީޚީ ފޮޓޯތަކާއި، ޑޮކިއުމެންޓްރީތަކާއި، ސަގާފީ ލިޔެކިޔުންތަކުގެ އިތުރުން ތަފާތު އިންޓަވިއުތައް މި ޕްލެޓްފޯމް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މިއީ ދިވެހި ތާރީޚާއި ތަރިކަ ރައްކާތެރިކޮށް، އެ ތަކެތި ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ގަނެވޭނެ ނުވަތަ ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، ގިނަ އަހަރުތަކެއްވީ ދިވެހި ތާރީޚާއި ތަރިކަ ދައްކުވައިދޭ މި ތަކެތި ސިސްޓަމެޓިކްކޮށް ބަލަހައްޓައި، އަސްލު ދިވެހި އުފެއްދުންތައް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލިބޭނެ ޚާއްޞަ މާކެޓްޕްލޭސްއެއްގެ ގޮތުގައި މި ޕްލެޓްފޯމް ތަރައްޤީކުރެވޭނެއެވެ. "ކްރިއޭޓޯލް" އަކީ ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ މަސައްކަތްތައް މާކެޓްކޮށް، އާމްދަނީ ހޯދުމަށް ފަހިކޮށްދީފައިވާ ޑިޖިޓަލް މާކެޓެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ