ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އައިގައި މިރޭ ކުޅުނު މެޗުތަކަށްފަހު، ފްރާންސުން ގްރޫޕުގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ.
އެމެރިކާގެ ބޮސްޓަންގައި ކުޅުނު މެޗުގައި ފްރާންސުން ނޯވޭގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ފްރާންސްގެ އޮސްމާން ޑެމްބެލޭ ވަނީ ހިތްގައިމު ހެޓްރިކެއް ފުރިހަމަކޮށްފައެވެ.
މި މެޗަށް ނުކުތްއިރުވެސް ދެ ޓީމަށް ވަނީ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވެފައެވެ. ގްރޫޕުގެ އެއްވަނަ ކަނޑައެޅުމަށް ކުޅުނު މި މެޗުގައި ނޯވޭއިން ވަނީ އެ ޓީމުގެ މުހިންމު 10 ކުޅުންތެރިއަކަށް އަރާމުދީފައެވެ. މީގެ ތެރޭގައި ތަރި އާލިން ހާލަންޑާއި މާޓިން އޮޑެގާޑް ހިމެނެއެވެ. މެޗު ފެށިގެން ފުރަތަމަ މިނެޓުގައިވެސް ފްރާންސްގެ ކީލިއަން އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ.
މެޗުގެ ހަތްވަނަ މިނެޓާއި 20 ވަނަ މިނެޓުގައި ޑެމްބެލޭ ޖެހި ދެ ލަނޑާއެކު ފްރާންސުން ކުރި ހޯދިއެވެ. ނޯވޭގެ ތެލޯ އާގްސާޑް ލަނޑެއް ޖަހައި ފަރަގު ކުޑަކުރި ނަމަވެސް، ޑެމްބެލޭ ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގައި ނޯވޭއަށް ލިބުނު ޕެނަލްޓީއެއް ޔޯގެން ސްޓްރޭންޑް ލާސަން ފޮނުވާލުމުން ފްރާންސްގެ ކީޕަރު މައިކް މައިންނޯން ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ. ފްރާންސްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޑެސިރޭ ޑުއޭއެވެ.
ކެނެޑާގެ ޓޮރޮންޓޯގައި ކުޅުނު މެޗުގައި ސެނެގޯލުން ވަނީ 5-0 އިން އިރާގު ބަލިކޮށްފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ހަބީބު ޑިއާރާ ސެނެގޯލަށް ކުރިހޯދައިދިންއިރު، 13 ވަނަ މިނެޓުގައި އިރާގުގެ ރެބިން ސުލަކާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު އިރާގު ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި މެޗެއްގެ ފުރަތަމަ 15 މިނެޓު ތެރޭގައި ލަނޑެއް ވަދެ އަދި ރަތް ކާޑެއް ލިބުނު ދެވަނަ ޓީމަށެވެ.
ސެނެގޯލްގެ އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއީލާ ސާރާއި، ދެ ލަނޑު ޖެހި ޕާޕޭ ގޭއިގެ އިތުރުން އިލިމާން އެންޑިއާޔޭއެވެ. ޕާޕޭ ގޭއި ޖެހި އެއް ލަނޑަކީ ގަޑިއަކު 132 ކިލޯމީޓަރުގެ ބާރުމިނުގައި ފޮނުވާލި ހަމަލާއެކެވެ.
ގްރޫޕް އައިގެ އެއްވަނަ ފްރާންސުން ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކުއެވެ. ނޯވޭއަށް 6 ޕޮއިންޓާއެކު ދެވަނަ ލިބުނުއިރު، ސެނެގޯލް އޮތީ 3 ޕޮއިންޓާއެކު ތިންވަނައިގައެވެ. ސެނެގޯލަށް ދެވަނަ ބުރުގެ ފުރުސަތު އޮތީ ތިންވަނައަށް ދާ ޓީމުތަކުގެ ތެރެއިން ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. ތިން މެޗުންވެސް ބަލިވި އިރާގު ވަނީ މުބާރާތުން ކަޓާފައެވެ.