ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމުގެ ފުރުސަތު ޖުލައި 2 އަށް ހަމަވަނީ

ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންތަކެއް
ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުންތަކެއް. ފޮޓޯ: މިނިސްޓްރީ

މާލެ ވޮކޭޝަނަލް ހައި ސްކޫލުގައި ކިޔެވުމަށް ޝައުގުވެރިވާ ދަރިވަރުން ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިއީ އެ ސްކޫލުން ހުޅުވާލި ދެވަނަ ބެޗުގެ ފުރުސަތެވެ. މިހާރު ކުރިއަށްދާ ފުރަތަމަ ބެޗުގައި ފަސް ދާއިރާއަކުން ޖުމްލަ 60 ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. މި ސްކޫލުގެ ކިޔެވުން ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އިމާރާތުގައި އެކަމަށް ހާއްސަކޮށްފައިވާ ފަންގިފިލާއެއްގައެވެ.

ވޮކޭޝަނަލް ހައި ސްކޫލުގެ ދަރިވަރުން ފުރިހަމަކުރަނީ ދެ އަހަރު ދުވަހުގެ ކޯސްތަކެކެވެ. މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ގަބޫލުކުރާ ލެވެލް 4 ގެ ސެޓްފިކެޓް ލިބޭ ކޯސްތަކެކެވެ. މި ސެޓްފިކެޓާއެކު ދަރިވަރުންނަށް ޔުނިވަސިޓީތަކުން ޑިޕްލޮމާ ނުވަތަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިހާރު ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ފޮޓޯގްރަފީ، އައިޓީ، އާކިޓެކްޗާ، އިލެކްޓްރިކަލް އިންޖިނިއަރިން އަދި ސްމޯލް ބިޒްނަސް މެނޭޖްމަންޓް ހިމެނެއެވެ. މި ކޯސްތަކުގައި އަމަލީ މަސައްކަތްތަކުގެ އިތުރުން، މަތީ ސާނަވީގެ މަޖުބޫރު ދެ މާއްދާ ކަމަށްވާ ދިވެއްސާއި އިސްލާމް ވެސް ދަރިވަރުންނަށް ކިޔަވައިދެއެވެ.

ސަރުކާރުގެ އަމާޒަކީ ވޮކޭޝަނަލް ޕާތްވޭގެ ދަށުން 500 ކުދިންނަށް ތައުލީމާއި ތަމްރީނުގެ ފުރުސަތު ފޯރުކޮށްދިނުމެވެ. އެހެންކަމުން މި ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުން ސުންގަޑީގެ ކުރިން ފޯމު ހުށަހެޅުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ