އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުންނާއި އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ހަތަރުވަނަ ބުރު ނިންމި ދަރިވަރުންނަށް ރޭ ސަނަދު ހަވާލުކޮށްފިއެވެ.
މި ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 82 ޒުވާނުން ބައިވެރިވެފައިވާއިރު، މިއާއެކު މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވި ޒުވާން ޚަޠީބުންގެ ޖުމްލަ އަދަދު މިހާރު ވަނީ 600 އަށް އަރާފައެވެ.
މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ޒުވާނުންނަށް އަމާޒުކޮށްގެން، ރަށްރަށުގެ މިސްކިތްތަކުގައި ހުކުރުކުރުމުގެ ހުއްދަ ދިނުމަށް އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގައި ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދުމާއި، ކުރިއަށް އޮތް އިސްލާމީ ޤަރުނުގައި ރާއްޖޭގައި އިސްލާމީ ޝިޢާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ވުޒާރާގެ އަމާޒަކީ 1,000 ޒުވާން ޚަޠީބުން ބިނާކުރުމާއި 500 ޙާފިޡުން އުފެއްދުން ކަމަށެވެ. މިހާރުވެސް ރާއްޖޭގައި 310 ޙާފިޡުން ތިބިކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ ޤުރްއާން ހިތުދަސްކުރުމުގެ ކްލާސްތައް އިތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް 2,000 އަށްވުރެ ގިނަ ދަރިވަރުން ޤުރްއާން ހިތުދަސްކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ޒުވާން ޚަޠީބުންނާއި އިމާމުންނަށް ޚާއްޞަ މަހާސިންތާއެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މި މަހާސިންތާގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް މައްކާގެ ޙަރަމްފުޅުގެ އިމާމު ޑރ. ޔާސިރު އައްދައުސަރީއަށް މިހާރު ވަނީ ދަޢުވަތު އަރުވާފައެވެ.