މިއަހަރުގެ ނިޔަލަށް ވަށާޖެހޭ ޚިދުމަތްތަކާއެކު އައު ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވަނީ

015214-corp feature photo 2020 12 30 t 153053

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ވަށާޖެހޭ ފުރިހަމަ ޚިދުމަތްތަކާއެކު މިއަހަރުގެ ފަހުކޮޅު މުޅިން އައު ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ، މަސްތުވާތަކެއްޗަކީ މުޅި މުޖުތަމަޢުގެ ބަދަހިކަމަށް އަސަރުކުރުވާ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޤައުމީ ސަލާމަތަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން މި މައްސަލައާ ދެކޮޅަށް މިހާރަށްވުރެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ބައިނަލްއަޤުވާމީ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތަކަށް އައު އީޖާދީ ހައްލުތައް ހޯދުމުގައި ދިވެހިރާއްޖެއިން ބައިނަލްއަޤުވާމީ މުޖުތަމަޢާއެކު ދެމިއޮންނާނެ ކަމަށެވެ. އަދި މި ފަހުން ޤާނޫނަށް ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އައު ސައިކޯއެކްޓިވް މާއްދާތަކާއި ބަދަލުވަމުންދާ ވިޔަފާރީގެ އުކުޅުތަކަށް ސަމާލުވުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން އަމިއްލަ ސެކްޓަރު ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި މުޖުތަމަޢެއް ބިނާކޮށްގެން މި ވަބާއިން ޒުވާނުން ސަލާމަތްކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. މިގޮތުން ފަރުދުން ބާރުވެރިކުރުވައި، އަމިއްލަ ނަފްސަށް ފައިދާހުރި ގޮތްތައް އިޚްތިޔާރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ