ވޯލްޑް ކަޕް: ބެލްޖިއަމް ގްރޫޕުގެ އެއްވަނަ ހޯދައިފި، މިސްރު ދެވަނަ ބުރަށް

ނިއުޒީލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ
ނިއުޒީލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ބެލްޖިއަމްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި މިއަދު ހެނދުނު ކުޅުނު ފޯރިގަދަ މެޗުތަކަށްފަހު، ބެލްޖިއަމް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ. ނިއުޒީލެންޑް އަތުން 5-1 ގެ ބޮޑު ތަފާތަކުން ބެލްޖިއަމް މޮޅުވިއިރު، މި ގްރޫޕުގައި ހިމެނޭ މިސްރު ވަނީ އީރާނާ 1-1 އިން އެއްވަރުވެ، ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރުން ޖާގަ ހޯދާފައެވެ.

ކެނަޑާގެ ވެންކޫވާގައި ކުޅުނު މެޗުގައި ބެލްޖިއަމްގެ ފަރާތުން ފެނުނީ ވަރަށް ބޮޑަށް ޑޮމިނޭޓްކޮށްގެން ކުޅުނު ކުޅުމެކެވެ. އެ ޓީމުގެ ލެއަންޑްރޯ ޓްރޮސާޑް ދެ ލަނޑު ޖެހިއިރު، ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. މި ލަނޑާއެކު ޑި ބްރޭނާ ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި ބެލްޖިއަމަށް ލަނޑުޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ. މީގެ އިތުރުން ރޮމެލޫ ލުކާކޫ އާއި އަލެކްސިސް ސައެލެމޭކާސް ވެސް ވަނީ ބެލްޖިއަމަށް ލަނޑުތައް ކާމިޔާބުކޮށްދީފައެވެ. ނިއުޒީލެންޑްގެ ހަމައެކަނި ލަނޑު ޖެހީ އެލައިޖާ ޖުސްޓެވެ.

އެމެރިކާގެ ސިއޭޓަލްގައި އީރާނާއި މިސްރު ބައްދަލުކުރި މެޗުގެ ހުރިހާ ލަނޑެއް ފެނުނީ ފުރަތަމަ 15 މިނެޓުގެ ތެރޭގައެވެ. މުޙައްމަދު ސަލާހުގެ އެހީތެރިކަމާއެކު މަހްމޫދު ސާބިރު މިސްރަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ ކުޑަވަގުތުކޮޅެއް ފަހުން އީރާނުގެ ރާމިން ރެޒާއީން ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި މެޗުގައި އީރާނަށް ލިބުނު ޕެނަލްޓީއެއް މިސްރުގެ ކީޕަރު މޮސްތަފާ ޝޮބީރު ވަނީ ދިފާއުކޮށްފައެވެ. އަދި މެޗުގެ ފަހުކޮޅު އީރާނުން ޖެހި ލަނޑެއް ވީއޭއާރުން ބެލުމަށްފަހު އޮފްސައިޑް ކަމަށް ނިންމައި ބަލައިނުގަތުމުން، މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ބެލްޖިއަމާއި މިސްރަށް ވެސް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ނަމަވެސް ބެލްޖިއަމަށް އެއްވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ތިން ޕޮއިންޓާއެކު ތިންވަނައިގައި އޮތް އީރާނަށް ދެވަނަ ބުރުގެ ފުރުސަތު ލިބުން މިހާރު ބިނާވެފައިވަނީ އެހެން ގްރޫޕްތަކުގެ ތިންވަނަ ޓީމުތަކުގެ ރޭންކިންއަށެވެ. ނިއުޒީލެންޑް މުބާރާތުން ކެޓީ އެއް ޕޮއިންޓާއެކު ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ