ރާއްޖޭގެ ވޯޓުލުމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިން ތައާރަފުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސިލްސިލާކޮށް ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް 2.0" ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ އީ-ވޯޓިން ތައާރަފުކޮށް ވޯޓުން ވައްކަން ކުރުމަށް ކުރާ ކަމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޑިޖިޓަލް ކުރިޔަސް ވޯޓުލާ ގޮތާ ނުކުޅޭނެ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ކޮރަޕްޝަން ނައްތާލުމެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ހިދުމަތްތައް ދިނުމުގައި އިންސާނުންގެ ބައިވެރިވުން ކުޑަކޮށް، ޓެކްނޮލޮޖީގެ އެހީގައި ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ޑިޖިޓަލް ކުރުމަކީ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވައި، ގައުމީ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިގްތިސާދަށް ބަރޯސާވާ މިންވަރަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލާއެކު ސަރުކާރުގެ ހިދުމަތްތައް މިހާރަށްވުރެ ހަލުވިވެ، ރަށްތައް ވަކިވެފައި އޮތް އޮތުން ނިމުމަކަށް އައިސް، އެއް ވިއުގައަކުން ހިދުމަތް ލިބޭނެ މަގު ފަހިވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ފިޒިކަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ހިދުމަތް ލިބޭނެ ގޮތަށް ކަންކަން ފަރުމާކުރެވި، ދައުލަތުގެ ހިންގުން "ސްމާޓް" ވެގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަ ފަތުރަނީ ރައްޔިތުންނަށް ވިއްކާނެ ސިޔާސަތެއް ނެތުމުން ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.