ދުންފަތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް އެންމެންގެ އެއްބާރުލުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

މުލަކުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވާހަކަފުޅުދައްކަވަނީ.
މުލަކުގައި ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ދުންފަތުގެ ނުރައްކާތެރި ވަބާއިން ދިވެހި ގައުމު ސަލާމަތްކުރުމަށް ކުރާ މަސައްކަތުގައި މުޖުތަމައުގެ ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މ. މުލަކުގައި މިއަދު ބޭއްވި ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ، ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތަކުން އެކި ދުވަސްވަރު އެކި އުކުޅުތައް ބޭނުންކުރަމުންދާ ކަމަށެވެ. އެގޮތުން ކުރީގެ އަހަރުތަކުގައި ފިލްމީ ތަރިން މެދުވެރިކޮށް ދުންފަތް އިސްތިހާރުކުރި ނަމަވެސް، މިހާރު އެކަން މަނާކޮށްފައި އޮތުމުން ސިއްރު އުކުޅުތައް ބޭނުންކޮށްގެން ކުޑަކުދިން މި މަޅީގައި ޖައްސަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ވޭޕަކީ މަސްތުވާތަކެއްޗާ ހަމައަށް ވާސިލުވުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.

ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން، ވޭޕް މަނާކުރުމާއި "ޖެނެރޭޝަން ބޭން" ފަދަ ސިޔާސަތުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް ފަސްޓް ލޭޑީ ވިދާޅުވިއެވެ. އަދި ކެފޭތަކާއި ރެސްޓޯރަންޓްތައް ހިންގާ ފަރާތްތަކުން މިކަމުގައި އިސްނަގައި، ދުންފަތުން މުޖުތަމައު ސަލާމަތްކުރުމުގެ ޖިހާދުގައި ބައިވެރިވުމަށް އެކަމަނާ ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ދުންފަތާ ދެކޮޅަށް ހިންގާ ގައުމީ ކެމްޕޭނުގެ ރަސްމީ ލޯގޯ އިފްތިތާހުކޮށްދެއްވީވެސް ފަސްޓް ލޭޑީއެވެ. މީގެ އިތުރުން، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި ފަރާތްތަކަށް "ހެލްތު މިނިސްޓާސް އެވޯޑް ފޯ ޓޮބޭކޯ ކޮންޓްރޯލް އެކްސެލެންސް" ވަނީ ހަވާލުކޮށްފައެވެ. މި އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ސ. ފޭދޫ ސްކޫލް، ޕީއެސްއެމް އަދި ހުޅުމާލެ ހޮސްޕިޓަލް ހިމެނެއެވެ.

ދުންފަތާ ދެކޮޅަށް ހިންގާ ގައުމީ ކެމްޕޭނުގެ ރަސްމީ ލޯގޯ

މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، މުލަކު ދާއިރާގެ މަޖިލިސް މެންބަރުގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މިޒް ޕޭޑެން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ