ރާއްޖޭގެ އިޤްތިޞާދީ ވަރުގަދަކަން ގުޅިފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ: ރައީސް

މޯލްޑިވްސް އެކްސްޕޯ 2025 ގެ ސްޓޯލެއް ރައީސް ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް އެކްސްޕޯ 2025 ގެ ސްޓޯލެއް ރައީސް ބައްލަވާލައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިޤްތިޞާދުގެ ވަރުގަދަކަން ގުޅިފައިވަނީ ރަށްތަކުގައި ކުރިއެރުން ހޯދައިދީ، ފުރުޞަތުތައް ތަނަވަސްކޮށްދޭ އެތައް ހާސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ވަރުގަދަކޮށް ކޮޅަށް ޖެހުމަށް މިފަދަ ވިޔަފާރިތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާ ކަމަށެވެ. އަދި އެ ފަރާތްތަކުން ޤައުމީ ތަރައްޤީއަށް ދޭ އެއްބާރުލުމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ސަރުކާރުގެ "މޯލްޑިވްސް 2.0" ތަޞައްވުރުގެ ދަށުން، ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި، ޑިޖިޓަލް ވަސީލަތްތަކުގެ އިތުރުން އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާކެޓްތަކަށް ދިވެހި އުފެއްދުންތައް ވާސިލުވުމުގެ ފުރުޞަތު ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ.

މިގޮތުން، ސަގާފީ ތަރިކައާ ގުޅުންހުރި ވިޔަފާރިތަކަށް އެހީތެރިވުމަށް އުފައްދާ ސަގާފީ މަރުކަޒުތަކާއި، ކްރިއޭޓަރ ހަބް، އަދި އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގް ފަދަ ވަސީލަތްތަކުގެ ބޭނުން ހިފުމަށް ރައީސް ބާރުއެޅުއްވިއެވެ. އަދި އަލީބާބާ އާއި ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ މަންސަތައް މެދުވެރިކޮށް ދިވެހި ވިޔަފާރިވެރިންނަށް ދުނިޔޭގެ ބާޒާރަށް ހުޅުވާލުމަށް ކުރާ މަސައްކަތްތަކަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކޮންމެ ވިޔަފާރިއަކަށްވެސް ކުރިއަރައިދިއުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެންމެންނަށް ފުރުޞަތުތައް ހުޅުވާލެވިފައިވާ އިޤްތިޞާދެއް ބިނާކުރުން ކަމަށެވެ. މި އަހަރާއި އަންނަ އަހަރަކީވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދޭނެ އަހަރުތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ